15 Jul 2014, 12:05
ވިހި ވަނަ ކޮމަންވެލްތް ގޭމްސްގައި ރާއްޖެ އިން ވާދަކުރާ އެތުލެޓިކްސް ޓީމްގެ ދެ އުތުލީޓުން މުބާރާތުގައި ވާދަކުރަން ސްކޮޓްލެންޑަށް ދިއުމަށް މިއަދު ފުރާނެ ކަމަށް އެތުލެޓުކްސް އެސޯސިއޭޝަނުން ބުނެފި އެވެ.
މިމަހުގެ 23 އިން އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ސްކޮޓްލެންޑުގެ ގްލާސްގޯގައި ބާއްވާ މިމުބާރާތުގައި އެތުލެޓިކްސް އިން ވާދަކުރާ ދެ އުތިލީޓުން ނަކީ ހަސަން ސާއިދު އާއި ހުސައިން އިނާޝް އެވެ. މުބާރާތަށް ސާއިދު އާއި އިނާޝް ހޮވިފައި ވަނީ މުބާރާތަށް ހާއްސަކޮށްގެން ބޭއްވުނު ޓައިމް ޓްރައަލްއަކުން ކަަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން މައުލުމާތު ދެ އެވެ.
ކޮމަންވެލްތް ގޭމްސްގައި ސާއީދު ވާދަކުރާ މިއީ ދެވަނަ ފަހަރެވެ. އެގޮތުން 2010 ވަނަ އަހަރު ދިއްލީގައި ބޭއްވުނު ކޮމަންވެލްތް ގޭމްސްގެ 200 މީޓަރު ދުވުމުގައި ވާދަކޮށް ސާއިދު ވަނީ 200 މީޓަރު ދުވުމުގެ ރިކޯޑް 22.07 ސިކުންތުން އައު ކޮށްފަ އެވެ. އަދި 400 މީޓަރު ދުވުމުގައި ވާދަކޮށް މި އެވެންޓްގެ ރިކޯޑް ވެސް ސާއިދު ވަނީ 48.56 ސިކުންތުން އައު ކޮށްފަ އެވެ.
ސާއިދުގެ އެންމެ ފަހުގެ ނަތީޖާތަކަށް ބަލާ އިރު މި އަހަރުގެ މެއި މަހު ޖެމެއިކާގައި 10.64 ސިކުންތުން ދުވެ ސާއިދު ވަނީ 100 މީޓަރު ދުވުމުގެ ގައުމީ ރިކޯޑް އައު ކޮށްފަ އެވެ. މިމުބާރާތުގައި ސާއިދު ވާދަކުރާނީ ފިރިހެނުންގެ 100 މީޓަރު އަދި 200 މީޓަރު ދުވުމުގަ އެވެ.
ސާއިދުއަކީ ރާއްޖޭގެ 200 މީޓަރާއި 400 މީޓަރު އަދި 100 މީޓަރު ރިލޭގެ ގައުމީ ރިކޯޑް ދަމަހައްޓަމުން އަންނަ އެތުލީޓެވެ.
އިނާޝްވެސް ކޮމަންވެލްގޭމްސްގައި ވާދަކުރާ މިއީ ދެވަނަ ފަހަރެވެ. އެގޮތުން 2010 ވަނަ އަހަރުގެ ކޮމަންވެލްތް ގޭމްސްގައި އިނާޝް ވާދަކޮށްފަ ވަނީ 200 މީޓަރު ދުވުމާއި 400 މީޓަރު ދުވުމުގަ އެވެ. 200 މީޓަރު ދުވެފައި ވަނީ 23.06 ސިކުންތުންނެވެ. އަދި 400 މީަތރު ދުވެފައި ވަނީ 49.64 ސިކުންތުންނެވެ. މި އަހަރުގެ މުބާރާތުގައި ވެސް އިނާޝް ވާދަކުރާނީ 200 އަދި 400 މީޓަރު ދުވުމުގަ އެވެ.
އެތުލެޓުިކްސް އެސޯސިއޭޝަނުން ބުނީ، އެ ދެއެތުލީޓުންގެ ކޯޗެއްގެ ގޮތުގައި މުބާރާތަށް ދާނީ ސާފްގޭމްސްގެ އެތުލެޓިކްސް އިން ލޯ މެޑަލް ހޯދި ޓީމްގެ ކޯޗް އަހުމަދު ފާއިލް އެވެ.
މިފަހަރުގެ ކޮމެންވެލްތު ގޭސްގައި ރާއްޖެއިން ފަސް ކުޅިވަރަކުން ޖުމުލަ 25 އެތުލީޓުން ވާދަކުރެ އެވެ.