ބްރެޒިލްގައި ނިމިގެންދިޔަ ފީފާ ވޯލްޑް ކަޕް 2014ގެ ފައިނަލްގައި ޖަރުމަނާ ވާދަކޮށް އާޖެންޓީނާއަށް މިފަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ނުކުރެވުނު ނަމަ ވެސް އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީއަށް ހަމަ ގައިމު ވެސް ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރު ވީޑިއޯ ގޭމްގެ "ކަވާ ފޮޓޯ"އަށް އެރުމަކީ ކުޑަ ކަމަކަށް ނުވާނެ އެވެ. ވީޑިއޯ ގޭމްސް އުފެއްދުމަށް މަޝްހޫރު އިލެކްޓްރޯނިކް އާޓްސް (އީއޭ) ސްޕޯޓްސްގެ ފީފާ 15ގެ ކަވަރ އެތުލީޓަކަށް މެސީ ހަމަޖައްސާފައި ވާކަން އެ ކުންފުނިން އިއްޔެ ހާމަކޮށްފަ އެވެ.



އީއޭ ސްޕޯޓްސް އިން ބުނެފައި ވަނީ، އަލަށް ނެރޭ ގޭމް އުތުރު އެމެރިކާގެ ގައުމުތަކުގައި 23 ސެޕްޓެމްބަރުގައި ލޯންޗު ކުރާއިރު ޔޫރަޕްގެ ގައުމުގައި ގައި ރަސްމީކޮށް ލޯންޗު ކުރާނީ 25 ސެޕްޓެމްބަރުގައި ކަމަށެވެ. އަދި އެކްސްކްލޫސިވް ކޮންޓެންޓްސްއާ އެކު އަލްޓިމޭޓް އެޑިޝަން ގަންނަން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން "ޕްރީއޯޑަރ" ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވާކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ފީފާ ސްޓްރީޓް، ފީފާ 13، އަދި ފީފާ 14ގެ ކަވަ ފޮޓޯއަށް ފަހު ސޮނީގެ ޕްލޭސްޓޭޝަން (ޕީއެސް) އާއި މައިކްރޯސޮފްޓް އެކްސްބޮކްސް އަދި ކޮމްޕިއުޓަރުގައި ވެސް ކުޅެވޭ ގޮތަށް ފަރުމާކޮށްފައިވާ ފީފާ ގޭމުގެ ކަވަރުގައި މެސީގެ ފޮޓޯ ހިމަނާ މިއީ ހަތަރުވަނަ ފަހަރެވެ. މި މުއްދަތުގެ ތެރޭގައި މެސީ ވަނީ 91 ލަނޑު ޖަހައިގެން އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރިކޯޑާއި އަދި ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަތަރު ފަހަރު ހޯދި ހަމަ އެކަނި ކުޅުންތެރިޔާގެ ޝަރަފުވެސް ހޯދައިފަ އެވެ.

އުމުރުން 27 އަހަރުގެ ފޯވާޑް ވަނީ، ވޭތުވެ ދިޔަ ސީޒަންގައި އޭނާ ކުޅެމުން އަންނަ ސްޕެއިންގެ ބާސެލޯނާއަށް 28 ލީގި ގޯލް ޖަހައިދިނުމުގެ އިތުރުން އޭނާގެ ކެޕްޓަން ކަމުގައި އާޖެންޓީނާ މިފަހަރުގެ ވޯލްޑް ކަޕްގެ ފައިނަލާ ހަމައަށް ގެންގޮސްފަ އެވެ. އަދި ހަމަ އެހެންމެ މެސީ ވަނީ މިފަހަރު އޭނާ ކުޅުނު ވޯލްޑް ކަޕް މެޗުތަކުގެ ތެރެއިން ހަތަރު މެޗެއްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައި، މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުނެތްރިޔާއަށް ދޭ އެޑިޑާސް ގޯލްޑަން ބޯލް އެވޯޑް ވެސް ހޯދައިފަ އެވެ.

އީއޭ ސްޕޯޓްސްގެ ފުޓްބޯޅް އެމްބެސެޑަރަކަށް ރަސްމީކޮށް މެސީ ހަމަޖެއްސީ 2011 ވަނަ އަހަރު އެވެ. އެއާއެކު އީއޭ ސްޕޯޓްސްގެ ފީފާގެ ގިނަ ގޭމުތަކެއްގެ ކަވާ ފޮޓޯއަށް އެރުމުގެ އިތުރުން އެ ޕާޓްނަރޝިޕާއެކު މެސީ ފައުންޑޭޝަނުން ވަނީ، ބާސެލޯނާގައި އާ ސްޓްރީޓް ފުޓްބޯލް ޕިޗެއްވެސް ތައްޔާރުކޮށްފަ އެވެ.