މި އަހަރުގެ ވޮލީ ސީޒަންގައި ޕޮލިސް ކުލަބަށް ކުޅުމަށް ރާއްޖޭގެ މަޝްހޫރު ހަތަރު ކުޅުންތެރިޔަކު އެއްބަސްވެ ސޮއިކޮށްފި އެވެ.

ޕޮލިސް ކުލަބަށް ކުޅުމަށް ސޮއި ކުރި ހަތަރު ކުޅުންތެރިންގެ ތެރޭގައި މިދިޔަ އަހަރު ރާއްޖޭގެ އެންމެ މޮޅު ވޮލީބޯލް ކުޅުންތެރިޔާ އިޝާން މުހައްމަދު (ބަޓިޝް) އާއި ހުސައިން ސައީދު (ސެންޑީ)ގެ އިތުރުން މިދިޔަ އަހަރު ވެސް ޕޮލިސް ކުލަބަށް ކުޅުނު އަދި ގައުމީ ތަށި ޕޮލިސް ކުލަބަށް ހޯދަދިނުމުގައި ބޮޑު ރޯލެއް އަދާކޮށްފައިވާ ދެބެން ކަމުގައިވާ އަލީ ހުޒާމް އާއި ހަސަން ނިލާމް އެވެ.

ޕޮލިސް ކުލަބްގެ ފަރާތުން އެ ހަތަރު ކުޅުންތެރިންގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ ޕޮލިސް ކުލަބްގެ ރައީސް އަދި މެރިން ޕޮލިސް ޑިޕާޓްމަންޓުގެ ހެޑް ސްޕްރިންޑެންޑެންޓް އޮފް ޕޮލިސް އައްސަދު ވަހީދު އެވެ.

މި އަހަރުގެ ވޮލީ ސީޒަން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ކުރީކޮޅުގަ އެވެ.