15 Jul 2014, 11:41
ސަރުކާރުން ތަޢާރަފްކޮށްފައިވާ "ގެދޮރުވެރިކުރުން" ޕްރޮގުރާމްގެ ދަށުން ގެދޮރު އިމާރާތް ކުރުމަށް ދޫކުރަން ހަމަޖެހިފައިވާ އިސްލާމިލް ފެސިލިޓީ އަށް އެދި 5000 އަށް ވުރެ ގިނަ މީހުން ފޯމް ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައެއް މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ އިސްލާމިކް ފެސިލިޓީ އަށް އެދި ފޯމް ހުށަހެޅި ފަރާތްތަކުގެ ފޯމްތައް ވެރިފައި ކުރުމުގެ މަސައްކަތް މިހާރު ކުރައްވަމުން އަންނަ ކަމަށެވެ.
ހައުސިންގް ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އާ އެކު ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް ލޯނު ލިބޭ ފަރާތްތަކާ އެކު އެއްބަސްވުންތައް ހެދިގެން ކުރިއަށް އޮތް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި އިސްލާމިކް ފެސިލިޓީ ދޫކުރަން ފަށާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މިހާރު ވަނީ 5000 އަށް ވުރެ ގިނަ އެފްލިކޭޝަން ލިބިފައި. އަޅުގަނޑުމެން މިހާރު އެޕްލިކޭޝަންތައް ވެރިފައިކުމުގެ މަސައްކަތް ކުރަމުން މިދަނީ. ވެރިފައިކޮށްފައި އަޅުގަނޑުމެން އެޗްޑީއެފްސީ އާ އެކު ހަދާފައިވާ އެމްއޯޔޫގެ މަތިން ހޮވޭ ފަރާތްތަކާ އެކު އަޅުގަނޑުމެން އެޗްޑީއެފްސީ އާ އެކު އެގްރިމެންޓްތައް ހަދާ ކުރިއަށް އޮތް ދޮޅުމަހެއް ތެރޭގައި އެ ހޮވޭ ފަރާތްތަކަށް އިސްލާމިކް ފެސިލިޓީ ދޫކުރަން ފެއްޓޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އިސްލާމިލް ފެސިލިޓީ އަށް އެދުނު ފަރާތްތަކުގެ ފޯމް ބަލައިގެންފައި ވަނީ މިދިޔަ އޭޕްރިލް މަހުގެ އެއް ވަނަ ދުވަހުން ފެށިގެން މެއި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
ގޯތީ ލިބި އެހެން ނަމަވެސް ފައިސާގެ ދަތިތަކާ ހުރެ ގެދޮރު އިމާރާތް ނުކުރެވި ތިބި ފަރާތްތަކަށް އިސްލާމިކް ފެސިލިޓީގެ ގޮތުގައި ގެއެއް ހެދުމަށް އެންމެ ގިނަ ވެގެން ދޫކުރާނީ 4000،000 ރުފިޔާ އެވެ. އަދި އެންމެ މަދުވެގެން ދޫކުރާނީ 50،000 ރުފިޔާ އެވެ. އިސްލާމިކް ފެސިލިޓީސްގެ ދަށުން ދޫކުރާ ފައިސާގެ 30 ޕަސެންޓް ދޫކުރާނީ އުމުރުން 18 އަހަރާއި 34 އަހަރާއި ދެމެދުގެ މީހުނަށެވެ. އަދި އެ ފައިސާ އަނބުރާ ދެއްކުމަށް އެންމެ ދިގު މުއްދަތެއްގެ ގޮތުގައި ދެވޭނީ 20 އަހަރު ދުވަހެވެ.