15 Jul 2014, 10:41
ޣައްޒާ (ޖުލައި 15) : ފަލަސްތީނުގެ މިނިވަންކަމަށް ޓަކައި އިސްރާއީލުގެ އަޅުވެތިކަމާ ދެކޮޅަށް ޖިހާދުކުކުރާ ޙަމާސް ޖަމާއަތުން އުފައްދާފައިވާ ޕައިލެޓަކާނުލާ އުދުހޭ ޖާސޫސީ އެތައް މަތިންދާބޯޓެއް އިސްރާއީލުގެ ވައިގެ ސަރަހައްދުގެ އެންމެ ފުނަށް ވަދެ އިސްރާއީލުުގެ ދިފާއީ ވުޒާރާގެ މަތިން އުދުހި ޖާސޫސުކޮށްފައިވާ ކަމަށާ އިސްރާއީލަށް އިއްޔެ ވައްޓާލެވިފައި ވަނީ އޭގެ ތެރެއިން އެންމެ ބޯޓެއް ކަމަށް އެ ޖަމާއަތުން ބުނެފި އެވެ.
ޙަމާސްގެ އަސްކަރީ ގޮފި ކަމަށްވާ އިއްޒުއްދީން އަލްގައްސާމް ބްރިގޭޑުން ބުނީ އެޖަމާއަތުގެ އިންޖިނޭރުން "އަބާބީލް" މަރުކާގެ ތިންބާވަތުގެ ޑްރޯން މަތިންދާބޯޓުތައް އުފައްދާފައިވާ ކަމަށާއި އިސްރާއީލަށް ޖާސޫސުކުރުމުގައި މިތިންބާވަތުގެ މަތިންދާބޯޓުތައް ވެސް މިހާރު ކާމިޔާބު ކަމާ އެކު ތަޖްރިބާކޮށްފައިވާ ކަމުގަ އެވެ. ޙަމާސް އިން މިމޭރުމުން ވާހަކަ ދައްކާފައިވާ އިރު އިސްރާއީލުގެ ސިފައިން ވަނީ ހަމާސް އިން އުފައްދާފައިވާ ޑްރޯން މަތިންދާބޯޓެއް އެގައުމުގެ ރަށެއްކަމަށްވާ އަސްދޫދުގެ މަތިން ވައްޓާލިކަން އިއްޔެ ހާމަކޮށްފަ އެވެ. އިސްރާއީލު ސިފައިން އިއްޔެ ނެރުނު ބަޔާނެއް ބުނެފައި ވަނީ ޙަމާސްގެ ޑްރޯން މަތިންދާބޯޓު ވައްޓާލާފައި ވަނީ އެގައުމުގެ ދެކުނުގެ ރަށެއްކަމަށްވާ އަސްދޫދުގެ މެދުތެރޭން އުދުހެމުން ދަނިކޮށް ކަމަށާ އިސްރާއީލުގެ ވައިގެ ސަރަހައްދުގެ 30 ކިލޯ މީޓަރުގެ އެތެރެއަށް އެބޯޓުވަދެފައިވާކަމުގަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އިސްރާއީލު ސިފައިންގެ ފަންނީ ތަޖްރިބާކާރުންގެ ޓީމަކުން މިހާރު ގެންދަނީ ޙަމާސްގެ ވައްޓާލާފައިވާ ޑްރޯންގެ ބައިތައް ހޮވައިގެން އެބޯޓު އުފައްދާފައިވާ ގޮތް ބަލައި އޭގެ ޓެކްނޮލޮޖީ ދިރާސާކުރަމުންނެވެ. މިއީ އިސްރާއީލާ ދެކޮޅަށް ޙަމާސްއިން ޑްރޯން މަތިންދާބޯޓެއް ބޭނުންކުރިކަން ހާމަވެގެން ދިޔަ ފުރަތަމަ ފަހަރެވެ. ހަމާސްގެ ޑްރޯން މަތިންދާބޯޓުތައް އިސްރާއީލުގެ މަތިން އުދުހުމާ ގުޅިގެން އިސްރާއީލުގެ ސިފައިންގެ ލަޝްކަރުތަކަށް ކުއްލި ސިހުމެއް ލިބިފައިވާ އިރު ޙަމާސްގެ ޓެކްނޮލޮޖީގެ މިކުރިއެރުމަކީ އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ފަލަސްތީނުން ކުރަމުންގެންދާ ޖިހާދު މުޅިން އައު މަރްޙަލާއަކަށްވަނުން ކަމަށާ އަދި އިސްރާއީލަށް ކުރިމަތިވި ޓެކްނޮލޮޖީގެ ގޮންޖެހުމެއް ކަމަށް ސްޓްރެޓީޖިކް ތަޖްރިބާކާރުން ދެކެ އެވެ.
ޙަމާސްގެ ޑްރޯން މަތިން ދާބޯޓުތައް އިސްރާއީލުގެ މަތިން އުދުހި ޖާސޫސޫ ކުރުމުގެ ކާމިޔާބީއާ ގުޅިގެން ހަމާސްޖަމާއަތުގެ ވެރިއެއް ކަމަށްވާ މުޝީރުލް މިސްރީ ވިދާޅުވީ އިސްރާއީލާ ދެކޮޅަށް ފަލަސްތީނުންކުރާ ޖިހާދު މުޅިންއައު މަރްހަލާއަކަށް ވަދެއްޖެ ކަމަށާ ފަލަސްތީނުގެ ބިންތައް ހިފައިގެން އަމާންކަމުގައި އިސްރާއީލަށް ނޯވެވޭނެ ކަމުގެ މެސެޖް ޙަމާސްގެ ޑްރޯން މަތިންދާބޯޓުތަކުން އިސްރާއީލަށް ދީފައިވާ ކަމުގަ އެވެ. ޙަމާސްގެ މިޓެކްނޮލޮޖީން އިސްރާއީލުގެ ލަޝްކަރުތައް ބަލިނުކުރެވުނު ނަމަވެސް މިއީ އިސްރާއީލުން ކަންބޮޑުވާނެ ކަމެކެވެ. ހަމާސް އިން ފުރަތަމަ ރޮކެޓް އުފެއްދީ ވެސް ތިން ކިލޯ މީޓަރުގެ ރާސްތާގެ ރޮކެޓެވެ. ނަމަވެސް އަށް އަހަރު ތެރޭގައި ހަމާސް ވަނީ 100 ކިލޯމީޓަރުގެ ރާސްތާގެ ރޮކެޓް އުފައްދާފަ އެވެ. އަނެއްކޮޅުން ހަމާސް އިން އިއްޔެ ވަނީ އަބާބީލް ޑްރޯން ބޭނުންކޮށްގެން އިސްރާއީލުގެ މޯބައިލް ނެޓްވާކުގެ ތެރެއަށް ވަދެ ޙަމާސް ބޭނުންވާ މެސެޖްތައް އިސްރާއީލުގެ ޔަހޫދީންގެ މޯބައިލް ފޯނުތަކަށް ފޮނުވާފަ އެވެ. މީގައި ބުނެފައި ވަނީ "ކަލޭމެންގެ ދަރިންގެ ލޭ އަހަރެމެންގެ ދަރިންގެ ލެއަށްވުރެ އަގު ބޮޑު ނޫން" ކަމުގަ އެވެ. (ނޫސްއެޖެންސީތައް)