ފިޔާ ބިސް އަދި އަލުވި ފޯރުކޮށްދިނުމަށް ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެސްޓީއޯ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ތިން ބާވަތުގެ އާ ޝިޕްމަންޓް ގެނެސް ހޯލްސޭލްކޮށް ވިއްކަން ފަށައިފި އެވެ.

އެސްޓީއޯ އިން އެ ބާވަތްތައް ހޯލްސޭލްކޮށް ވިއްކަމުން ގެންދާނީ އަމީނީމަގުގައި ހުންނަ ހަތް ނަމްބަރު ކޮށިންނާއި އެސްޓީއޯ ހެޑް އޮފީހާ އިންވެގެން ހަދާފައިވާ ގުދަނުންނެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ކުރިން ވިދާޅުވެފައި ވަނީ ރޯދަމަހު ފިޔާ އަދި އަލުވި ކިލޯއެއް 10 ރުފިޔާ އަށް ވުރެ ބޮޑު ނުވާ ވަރަށް، ކުކުޅު ބިހެއްގެ އަގު 1.25 ރުފިޔާ އަށް ވުރެ ބޮޑު ނުވެ މި ރޯދަ މަހު ހިފަހައްޓައިދޭނެ ކަމަށެވެ.

އެގޮތުން އެސްޓީއޯ އިން ގެންނަ ޝިޕްމަންޓްގައި ޖުމްލަ 20،000 ބިސްކޭހާއި 20،000 ފިޔާ ބަސްތާގެ އިތުރުން 5000 އަލުވި ބަސްތާ ހިމެނޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

ހޯލްސޭލްކޮށް ފިޔާ އަލުވި ވިއްކަމުން ދަނީ ބަސްތާއެއް 225 ރުފިޔާގެ ރޭޓުންނެވެ. އަދި ބިސް ކޭހެއް ވިއްކަމުން ގެންދަނީ 250 ރުފިޔާ އަށެވެ.

އެސްޓީއޯ އިން އެތެރެކުރާ ބާވަތްތައް ލިމިޓެއް ނެތި ވިއްކުމަށް ނިންމާފައިވާ ކަމަށާއި އެތަކެތި ހުސްވިޔަ ނުދިނުމަށް އެސްޓީއޯ އިން ގިނަ ފިޔަވަޅުތަކެއް އަޅާނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.