ދިރާގު ދިވެހި ލީގުގައި އީގަލްސް އަތުން މޮޅުވެ، ދެ ޕޮއިންޓްގެ ލީޑަކާއެކު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ލީގު ތާވަލުގެ އެއްވަނައަށް އަރައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުން ނިއު މޮޅުވީ 4-1 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފު 1-1 ލަނޑުން ނިމުނު ނަމަވެސް، ދެވަނަ ހާފު ނިމުނު އިރު ނިއުއިން ވަނީ ތިން ލަނޑުގެ ލީޑެއް ނަގައިފައެވެ.

މެޗު ފެށިތާ ހަ މިނެޓް ތެރޭ ނިއުއިން ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. އީގަލްސްގެ ޕެނަލްޓީ އޭރިޔާ ތެރެއިން އަހްމަދު ރަޝީދު ކުރި ފައުލަކާ ގުޅިގެން ނިއުއަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، އެޓީމަށް ލީޑު ހޯދައިދިނީ ނިއުގެ އޮސްޓްރޭލިއާ ކުޅުންތެރިޔާ ޑޭން މިލޮވަނޮވިޗެވެ.

މި ލަނޑަށްފަހު، ނަތީޖާ ހަމަހަމަކުރުމަށް އީގަލްސްއިން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 33 ވަނަ މިނެޓްގައެވެ. އިސްމާއީލް އީސާ (މެސީ)ގެ ބޯޅައަކުން އީގަލްސްއަށް ނަތީޖާ ހަމަހަމަކޮށްދިނީ ހަސަން އަދުހަމް (ސަޑޭ) އެވެ.

ދެވަނަ ހާފު ފެށިތާ މާ ގިނައިރުތަކެއް ނުވަނީސް ނިއުއިން އަލުން ލީޑު ހޯދި އެވެ. މެޗުގެ 47 ވަނަ މިނެޓްގައި ނިއުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ނިއުގެ ބިދޭސީ ކުޅުންތެރިޔާ ޖަމާލް ޑިބީ އުފެއްދި ހަމަލާ ދަނޑީގައި ޖެހި ނުކުތުމުން ލިބުނު ބޯޅައަކުންނެވެ.

ނިއުގެ ފަހު ދެ ލަނޑު ފެނިގެންދިޔައީ މެޗު ނިމެން ދިހަ މިނެޓަށް ވެފައި ވަނިކޮށެވެ. މެޗުގެ 80 ވަނަ މިނެޓްގައި ސެންޓޭގެ ހިލޭ ޖެހުމަކުން ނިއުގެ ތިންވަނަ ލަނޑު، އިބްރާހިމް ފަޒީލް (އޮއްޕޮ) ކާމިޔާބުކުރީ ބޮލުން ޖަހައެވެ. އަދި މެޗު ނިމެން މިނެޓަކަށް ވެފައި ވަަނިކޮށް، ނިއުގެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދިން ސެންޓޭ އެވެ.

މި ނަތީޖާއާއެކު ކުޅުނު ހަތަރު މެޗުން ނިއު އޮތީ 12 ޕޮއިންޓާއެކު ލީގުގެ އެއްވަނައިގައެވެ. ދިހަ ޕޮއިންޓާއެކު ލީގުގެ ދެވަނައިގައި މާޒިޔާ އޮތްއިރު، ނުވަ ޕޮއިންޓާއެކު ތިންވަނައިގައި އޮތީ އީގަލްސް އެވެ. އަދި ކުޅުނު ހަތަރު މެޗުން ލިބުނު ފަސް ޕޮއިންޓާއެކު ލީގުގެ ހަތަރު ވަނައިގައި އޮތީ ކްލަބު ވެލެންސިއާ އެވެ.

ދިރާގު ދިވެހި ލީގުގައި ދެން މެޗެއް ކުޅޭނީ މާދަމާ އެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި މާދަމާ ރޭ 10:00 ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ލީގުގެ އެންމެ ފުލުގައި އޮތް އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އާއި ފަސް ވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބެވެ.