ދަވްޙާ (ޖުލައި 15): ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލު ހިންގަމުން ގެންދަނީ ސްޓޭޓް ޓެރަރިޒަމް ކަމަށާއި ނަމަވެސް އިސްރާއީލުގެ ޓެރަރިޒަމްގެ އަމަލުތައް މިހާރުވެސް ނާކާމިޔާބު ވެއްޖެ ކަމަށް އިސްރާއީލުގެ އަޅުވެތިކަމާ އަދި އަނިޔާވެރިކަމާ ދެކޮޅަށް ޖިހާދުކުރަމުން ގެންދާ ފަލަސްތީނުގެ ޖަމާއަތެއް ކަަމަށްވާ އިސްލާމިކް ޖިހާދު ޖަމާއަތުގެ ވެރިޔާ ޑރ. ރަމަޟާން އަބްދުﷲ ޝަލަޙް ވިދާޅުވެއްޖެ އެވެ.

އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ޑރ. ޝަލަޙް ވިދާޅުވީ ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ކުރިޔަށްގެންދާ ސްޓޭޓް ޓެރަރިޒަމްގެ އަމަލުތައް ހަފްތާއަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު ފަލަސްތީނުގެ ކުޑަކުދިންނާއި އަންހެނުންނާ މުސްކުޅިން ޑަޒަން ޑަޒަނަށް މެރުން ފިޔަވައި މިޓެރަރިސްޓް އަމަލުތަކުން އެއްވެސް މަގްސަދެއް އިސްރާއީލަށް ޙާސިލް ކުރެވިފައި ނުވާ ކަމުގައެވެ. އޭނާ ވިދާޅުވީ އިސްރާއީލުގެ އަސްކަރީ ޢަގީދާ ބިނާކޮށްފައި ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ބިރުދެއްކުމުގެ ސްޓްރެޓެޖީގެ މައްޗަށް ކަމަށާއި އެ ސްޓްރެޓެޖީ ފޭލްވެފައި ވަނީ ފަލަސްތީނުގެ އެންމެ ކުޑަކުއްޖާ ވެސް އިސްރާއީލުގެ ސްޓޭޓް ޓެރަރިޒަމްގެ ޢަމަލުތައް ދެކެ ބިރުނުގަތުމުން ކަމުގައެވެ.

ޣައްޒާއާ ދެކޮޅަށް ވައިގެ ޙަމަލާތައް ދީ އުދުވާން ހިންގަން ފެށުމުގެކުރިން އިސްރާއީލުން ވަރަށް ވަރުގަދައަށް ޖާސޫސުކޮށް ޣައްޒާގައި ވާ ފަލަސްތީންގެ ޖަމާއަތްތަކުގެ ހަތިޔާރު ގުދަންތަކާއި ކޮމާންޑަރުން ތިބޭތަންތަން ފާހަގަކުރި ކަމަށާއި ނަމަވެސް އެތަންތަނަށް ވައިގެ ޙަމަލާތައް ދީގެން ޙަމާސްގެ ރޮކެޓްތައް ހުއްޓުވުމުގައި ސަލާމަތީ ގޮތުންނާއި ޖާސޫސީގޮތުން އިސްރާއީލު މުޅިން ފޭލްވެފައިވާ ކަމަށް ޝަލަހް ވިދާޅުވި އެވެ. އިސްރާއީލުން ޣައްޒާއަށް އެއްގަމު މަގުން އަރަން އުޅެނީ ވައިގެ މަގުން ދިން ޙަމަލާތައް ފޭލްވެ މަގްސަދް ހާސިލް ނުވުމުގެ ސަބަބުން ކަަމަށާއި ނަމަވެސް އެއްގަމު މަގުން އަރަން އިސްރާއީލު ޖެހިލުންވެގެން ތިންފަހަރެއްގެ މަތިން މިކަން ހުއްޓާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްރާއީލުގެ ޓެރަރިޒަމްގެ އަމަލުތަކަށް އެންމެ ބޮޑަށް އެހީތެރިވާ އެމެރިކާއިން އިއްޔެވަނީ އެއްގަމު މަގުން ޣައްޒާއަށް އެރުމަކީ އިސްރާއީލަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ބުނެ އެކަން ނުކުރުމަށް އިސްރާއީލަށް އިންޒާރުކޮށްފައެވެ. އެމެރިކާއަކީ އިރާގުގެ ޖަމާއަތްތަކާ އަދި އަފްޣާނިސްތާނުގެ ތާލިބާނުންނާ އެއްގަމު މަގުން ކުރިމަތިލައިގެން މަގްދަސް ހާސިލް ކުރުމަށް ނުކުޅެދިފައިވާ ގައުމެކެވެ.

ޑރ. ޝަލަޙް އިތުރަށް ވިދާޅުވީ، އިސްރާއީލުން އުދުވާން މުޅިން ހުއްޓާލުމުގެ އިތުރުން ޣައްޒާއާ ދެކޮޅަށް އަޅާފައިވާ ހިސާރުގެ ހުރިހާ ފިޔަވަޅުތަކެއް ވެސް ނައްތާލުމުން ނޫނީ ފަލަސްތީނުގެ ޖަމާއަތްތަކުން އިސްރާއީލަށް ދޭ ރޮކެޓް ހަމަލާތައް ހުއްޓައި ނުލާނެ ކަމުގައެވެ. އަދި ފަލަސްތީނުގެ މުޖާހިދުން ތިބީ ބާރުގަދަ ހާލަތެއްގައި ކަމަށާއި ހިތާމައަކީ ފަލަސްތީނުގެ ނިކަމެތި އާންމުންގެ އެތަށްބަޔަކު ކޮންމެ ދުވަހަކު އިސްރާއީލުގެ އަތްދަށުން ޝަހީދުވެ އިތުރު ބަޔަކު ޒަޚަމްވަމުންދާތީ ކަމަށާއި ނަމަވެސް މިކަމުގެ ސަބަބުން އިސްރާއީލުގެ ހަގީގީ ސޫރަ ދުނިޔޭގެ ރައްޔިތުންނަށް ހާމަވަމުންދާ ކަމަށްވެސް އިސްލާމިކް ޖިހާދު ޖަމާއަތުގެ ވެރިޔާ ޑރ. އަބްދުﷲ ޝަލަޙް ވިދާޅުވި އެވެ. (އަލްޖަޒީރާ)