14 Jul 2014, 22:43
ކޮކާކޯލާ ވެޓެރަންސް ކަޕްގެ ދެވަނަ ބުރުގައި ބިންމާގެ ހެޓްރިކާއެކު މަހިބަދޫ ސްޕޯޓްސް ކްލަބް އަތުން ކްލަބު ވެލެންސިއާ މޮޅުވެއްޖެ އެވެ.
އެފްއޭއެމްގެ ލައިފްބޯއީ ޓާފް އެއް ނަންބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި މޮޅު ކުޅުމެއް ދައްކައި ވެލެންސިއާ މޮޅުވީ 5-2 ލަނޑުންނެވެ. މި މެޗަށް ނުކުތް ދެ ޓީމުގެ ތެރެއިން މަހިބަދޫ އަކީ ގްރުޕް "އޭ" ގެ ދެވެނަ ޓީމެވެ. އަދި ވެލެންސިއާ އަކީ ގްރޫޕް "ބީ" ގެ ދެވަނަ ޓީމެވެ.
މިއަދު ކުޅުނު މެޗުގައި ވެލެންސިއާގެ ފަސް ލަނޑުގެ ތެރެއިން ބިންމާ އަބްދުﷲ ވަހީދު ހެޓްރިކެއް ހެދިއިރު، އެޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހީމް ހަލީމެވެ. އަދި މަހިބަދޫގެ ދެ ލަނޑު ކާމިޔާބުކޮށްދިނީ އަބްދުﷲ ނާސިފެވެ. މިއަދުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މެޗުގައި ހެޓްރިކެއް ފުރިހަމަ ކުރި، ބިންމާ އަބްދުﷲ އެވެ.
މި މުބާރާތަކީ 40 އަހަރުން މަތީގެ ކުޅުންތެރިންނަށް ޚާއްސަކޮށްފައިވާ މުބާރާތެއް ނަމަވެސް، 35 އަހަރުން މަތީގެ 10 ކުޅުންތެރިން ޓީމުގައި ރަޖިސްޓްރީ ކުރެވެ އެވެ. އަދި އޭގެ ތެރެއިން ހަތަރު ކުޅުންތެރިންނަށް އެއް ފަހަރާ ކުޅެން އެރޭ ގޮތައް ވެސް ވަނީ ހަމަޖައްސައިފައެވެ.
މި މުބާރާތުގައި މާދަމާ ވެސް މެޗެއް ކުޅޭނެ އެވެ. މާދަމާ ހަވީރު 4:40 ގައި ބައްދަލުކުރާނީ މިއަދުގެ މެޗުން މޮޅުވި ވެލެންސިއާ އާއި ފުރަތަމަ ބުރުން ތިންވަނައަށް ދިޔަ ޓީމުތަކުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ހޯދި ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) އެވެ.