އެމެރިކާގެ އޮރެގަން ސިޓީގައި ބާއްވާ އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އެތުލެޓިކްސް (އައިއޭއޭއެފް) ވޯލްޑް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ވާދަކުރާ ގޮތަށް ނިންމައިފި އެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ، މިމަހުގެ 22 އިން 27 އަށް އޮންނަ އެ މުބާރާތުގައި ރާއްޖެއިން ވާދަކުރާ އެތުލީޓަކީ ހުސައިން ރިޒާ ކަމަށެވެ. އަދި އޭނާ މުބާރާތައް ފޮނުވާގޮތަށް ނިންމީ އެ މުބާރާތަށް ޚާއްސަ ކޮށްގެން ބޭއްވުނު ޓައިމް ޓްރައަލްއިން އޭނަ އެއް ވަނަ ހޯދައިފައި ވުމުންނެވެ.

މުބާރާތުގައި ރިޒާ ވާދަކުރާނީ ފިރިހެންކުދިންގެ 400 މީޓަރު ދުވުމުގައެވެ. އަދި ދުވުން އޮންނާނީ މިމަހުގެ 22 ވަނަ ދުވަހު ކަމަށް ވެސް އެތުލެޓިކްސް އެސޯސިއޭޝަނުން ބުންޏެވެ.

މުބާރާތުގައި ވާދަކުރުމަށް ރިޒާ މާލެއިން ފުރާނީ މިމަހުގެ 19 ވަނަ ދުވަހު އެވެ. މުބާރާތަށް ފަހު އެނބުރި އޭނާ އެނބުރި އަންނާނީ މިމަހުގެ 31 ވަނަ ދުވަހު ކަމަށް ވެސް އެތުލެޓިކްސް އެސޯސިއޭޝަނުން ބުންޏެވެ.

މުބާރާތުގައި ވާދަކުރާ ރިޒާގެ ކޯޗަކީ އެސޯސިއޭޝަންގެ ސްޕްރިންޓް ޕޫލް ކޯޗް އަހުމަދު އަޒީލް އެވެ. މުބާރާތަށްފަހު ވޯލްޑް ޔޫތު ކޯޗަސް ކޮންފަރެންސްގައި އަޒީލް ބައިވެރިވާނެއެވެ.

ރިޒާ ވަނީ 2013 ވަނަ އަހަރު ކުޅުދުއްފުށީގައި ބޭއްވުނު އެޓޯލް އިންޓަ ސްކޫލް އެތުލެޓިކްސް މީޓްގެ 17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 400 މީޓާރާއި 100 މީޓަރު ރިލޭ އަދި 400 މީޓަރު ރިލޭ އިން ގޯލްޑް މެޑަލް ހޯދާފައެވެ.

މީގެ އިތުރުން 2013 ވަނަ އަހަރު އިންޑިއާގެ ރަންޗިންގައި ބޭއްވުނު ސައުތު އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕް އަދި މިއަހަރު ބެންކޮކްގައި ބޭއްވުނު ޔޫތު އޮލިމްޕިކް ގޭމްސްގެ ކޮލިފިކޭޝަންގައި ރިޒާ ވަނީ ރާއްޖޭ ތަމްސީލް ކޮށްފައެވެ.