14 Jul 2014, 22:33
ޕިލިޕްސް އޮފީސް ޓޭޕް ބޯލް ކްރިކެޓް މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗްތަކުން އިމިގްރޭޝަނާއި ރައީސް އޮފީސް މޮޅުވެއްޖެއެވެ.
ޖުމްލަ އަށް ޓީމާއެކު ރަމަޟާން މަހަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ އެމުބާރާތުގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗް މީރާއާއި ބައްދަލުކޮށް އިމިގްރޭޝަން ކާމިޔާބުކުރީ 31 ލަނޑުންއެވެ. ދެވަަނަ މެޗް ދިވެހި ސިފައިންގެ ކްލަބްއާއި ބައްދަލުކޮށް ރައީސް އޮފީސް ކާމިޔާބުކުރީ ހަ ވިކެޓުންއެވެ.
މިއަދުގެ ފުރަތަމަ މެޗް ޓޮސްދިމާވުމުން އިމިގްރޭޝަން ކުޅެންއަރާ އަށް އޯވަރުގެތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން 128 ލަނޑުހެދިއެވެ. އެންމެ ރަގަޅަށް ކުޅުނީ 32 ލަނޑުހެދި ލައްސާންއާއި އަހްމަދު އާމިރުއެވެ. ޖަވާބުގައި މީރާ ކުޅެންއަރާ އަށް އޯވަރު ހަމަވިއިރު ތިން ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 97 ލަނޑުއެވެ. އަހްމަދު ހަސަން 34 ލަނޑު އަދި ރާއިދް 19 ލަނޑު ހެދިއެވެ.
ދެވަނަ މެޗް ޓޮސް ދިމާވުމުން ދިވެހި ސިފައިންގެ ކްލަބް ކުޅެންއަރާ އަށް އޯވަރުގެތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން 67 ލަނޑުހެދިއެވެ. އަދި މެޗުގައި އައްބާސް 16 ލަނޑު ހެދިއެވެ. ޖަވާބުގައި ރައީސް އޮފީސް ކުޅެންއަރާ ފަސް އޯވަރުގެތެރޭގައި 73 ލަނޑުހެދި އިރު ވަނީ ދެކުޅުންތެރިން ނުބައިވެފައެވެ. މުހަންމަދު ވަނީ 29 ލަނޑު ހަދާފައެވެ.
މުބާރާތުގައި މާދަމާ ވެސް ދެ މެޗް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މާދަމާގެ ފުރަތަމަ މެޗު ގައި ބައްދަލުކުރާނީ ރައީސް އޮފީހާ އެޑިއުކޭޝަން މިނިސްޓްރީ އެވެ. އަދި ދެވަނަ އަށް އިމިގްރޭޝަނާއި ކަސްޓަމްސް ރެކްރިއޭޝަން ކްލަބެވެ. ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4:14 ގައެވެ. ކުޅުން ކުރިއައްދާނީ ކުޅިވަރު އެކުވެނީގެ އެއްނަންބަރު ދަނޑުގައެވެ.