ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ގެ މަގާމު ބާސެލޯނާގެ އާޖެންޓީނާ ފޯވަޑް ލަޔޮނަލް މެސީ ހޯދައިފި އެވެ. ގައުމީ ކެޕްޓަނުންނާއި ކޯޗުން އަދި ހޮވާލެވޭ ނޫސްވެރިންގެ މެދުގައި ނަގާ ވޯޓަކުން ހޮވާ މި މަގާމު ޖެހިޖެހިގެން ދެ ވަނަ އަހަރަކު މެސީ އަށް ލިބުމުން އޭނާ ވެގެންގޮސްފައިވަނީ ޒައިނުއްދީން ޒިދާނާއި ބްރެޒިލްގެ ރޮނާލްޑޯ އަދި ރޮނާލްޑީނިއޯ އަށް ފަހު މި މަގާމު ދެ ވަނަ ފަހަރަކު ހޯދި ފުރަތަމަ ކުޅުންތެރިޔާ އަށެވެ. ޒިދާނާއި ރޮނާލްޑޯ ވަނީ މި މަގާމު ތިން ފަހަރު ހޯދައިފަ އެވެ.

އުމުރުން އެންމެ 23 އަހަރުގެ ކުޅުންތެރިޔާ ފީފާ އެވޯޑް ނައިޓަށް ދިޔަ ހަތަރު ވަނަ ފަހަރު އޭނާ އަށް މި މަގާމު ދިފާއުކުރެވުމުން މެސީ އަކީ މި މަގާމު އެންމެ ގިނައިން ހޯދާނެ ކުޅުންތެރިޔާ ކަމަށް ވަނީ ބެލިވިފަ އެވެ.
ވޯލްޑް ކަޕް ކާމިޔާބު ކުރި ސްޕޭނުގެ ދެ ކުޅުންތެރިން ކަމަވާ ބާސެލޯނާގެ ޒަވީ ހާނެންޑޭޒް އާއި އަންދްރޭ އިނިއެސްޓާ ތިއްބައި މެސީ އަށް މި އެވޯޑް ލިބުމުގެ ފަހަތުގައި ސަބަބުތަކެއްވެ އެވެ. އެއީ އޭނާގެ ކުޅުން ބާސެލޯނާގައި ނުހަނު މޮޅުވުމުން ކުދި އަދި މެދުފަންތީގެ ގިނަ ގައުމުތަކުގެ ވޯޓު އޭނާ އަށް ލިބުމެވެ.

ވޯޓު ދިން މީހުންގެ 22 ޕަސެންޓް މީހުން ތާއީދު ކުރީ މެސީ އަށެވެ. ދެ ވަނަ ލިބުނީ ވޯލްޑް ކަޕް ތަށި ސްޕޭނަށް ހޯދައިދޭން ލަނޑު ޖެހި އަންދްރޭ އިނިއެސްޓާ އަށެވެ. އޭނާ އަށް 17 ޕަސެންޓް މީހުން ތާއީދު ކުރި އިރު ޒަވީ އަށް ލިބުނީ 16 ޕަސެންޓް މީހުންގެ ތާއީދެވެ.

ނިމިދިޔަ އަހަރު ބާސެލޯނާގައި ހަތް ތަށި ހޯދި މެސީ ވަނީ ވޯލްޑް ކަޕުގައި އާޖެންޓީނާ ކުއާޓާ ފައިނަލަށް ގެންގޮސްދީފަ އެވެ. ހުސްވި ސީޒަނުގައި 34 ގޯލު ޖަހައިގެން ލަލީގާގެ ޓޮޕް ސްކޯރަރުގެ މަގާމު ހޯދި މެސީ އަކީ އެ ލީގުގައި ނިމިގެންދިޔަ ސީޒަނުގައި ފަސްފަހަރު ހެޓްރިކް ހެދި ހަމައެކަނި ކުޅުންތެރިޔާ ވެސްމެ އެވެ. ލީގުގައި 100 ވަނަ ގޯލު ޖެހި މެސީ އަށް ވޯލްޑް ކަޕުގައި ގޯލެއް ނުޖެހުނު ނަމަވެސް ގްރީސް މެޗަށް ކެޕްޓަން ބޭންޑާއެކު ނުކުތުމުން އޭނާ ވެގެންދިޔައީ އާޖެންޓީނާގެ އެންމެ ޒުވާން ކެޕްޓަނަށެވެ. އަދި އޭނާ ވަނީ ބާސެލޯނާ އާއި އާޖެންޓީނާއަށް ނިމިގެންދިޔަ އަހަރު ޖުމުލަ 60 ގޯލު ޖަހައިދީފަ އެވެ. އޭނާ އަށް އެވޯޑް ހަވާލުކޮށްދިނީ ބާސެލޯނާގެ ޕެޕް ގާޑިއޯލާ އެވެ.