14 Jul 2014, 20:47
ރަމަޟާން މަހާއި އެ މަހަށްފަހު ޝައްވާލު މަހުގެ ހަ ރޯދަ ހިފައި ނިމެންދެން ރެސްޓޯރަންޓުތަކާއި ސައި ހޮޓަލާއި ކެންޓީންފަދަ ތަންތަން މެންދަމު ތިނެއް ޖަހަންދެން ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ އިކޮނަމިކް މިނިސްޓްރީން ދީފި އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ މެންދަމު ތިނެއް ޖަހަންދެން ކެފޭތައް ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދިނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިން ކަމަށެވެ. އަދި ރޯދަ މަހާއި ޝައްވާލު މަހުގެ ހަ ރޯދަޔަށް ސަރުކާރުން މަސައްކަތުގެ ގަޑި ކަނޑައަޅުއްވާފައިވާ ދުވަސްތަކާއި އެއް އުސޫލަކުން އަމަލު ކުރުމުގެ ގޮތުން ެ ގޮތަށް ނިންމީ ކަމަށް ވެސް އިކޮނަމިކް މިނިސްޓްރީން ބުންޏެވެ.
"މި ގޮތަށް ހުޅުވާފައި ބަހައްޓާއިރު ރެސްޓޯރަންޓުތަކާއި ސައި ހޮޓަލާއި ކެންޓީފަދަ ތަންތަނުގައި ތިބޭ މީހުންނާއި ހިދުމަތް ހޯދުމަށް ވަދެ ނުކުންނަ މީހުންގެ އަމަލުތައް އިޖުތިމާއީ މިންގަނޑުތަކާއި އެއްގޮތަށް ބެހެއްޓުމަށް މިނިސްޓްރީން އިލްތިމާސް ކުރަމެވެ،" އިކޮނަމިކް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވެ އެވެ.
ފުޓްބޯޅައިގެ އެންމެ ފޯރިގަދަ މުބާރާތް ވޯލްޑްކަޕާ ގުޅިގެން ކެފޭތަކާއި ރެންސްޓޯރަންޓުތައް މެންދަމު ތިނެއް ޖަހަންދެން ހުޅުވާފައި ބެހެއްޓުމުގެ ވަގުތީ ހުއްދައެއް ވެސް ކުރިން ވަނީ ދީފަ އެވެ.