ފަލަސްޠީނުގައި އިޒުރޭލުން ހިންގާ ލާއިންސާނީ ޢަމަލުތަކާ ދެކޮޅަށް އެކުވެރި ދައުލަތް (އދ) އިން ފިޔަވަޅު އެޅުމަށާއި، ދެ ރާތުން ވެސް ކެތްތެރިކަމާއެކު މައްސަލަ ޙައްލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ. މުހައްމަދު ޖަމީލް އަހުމަދު އެދިވަޑައިގެންފި އެވެ.

ނައިބު ރައީސް އެގޮތަށް އެދިވަޑައިގެންނެވީ ރާއްޖޭގައި ހުންނަވާ އދގެ އެކްޓިންގް ރެޒިޑެންޓް ކޯޑިނޭޓަރު ޑރ. އަކްޖެމާލް މަގްޓިމޯވާ މިއަދު ބައްދަލުކުރައްވަ އެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، އެކްޓިންގ ރެޒިޑެންޓް ކޯޑިނޭޓަރ، ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި ހުންނަ އދގެ އޮފީހަށް ދިވެހި ސަރުކާރުން ދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި ޝުކުރު އަދާކުރެއްވި އެވެ. އަދި ދިވެހި ސަރުކާރުން ހިންގަވަމުން ގެންދަވާ އިޤްތިޞާދީ އަދި އިޖުތިމާޢީ ޕްރޮގްރާމްތަކަށް ތަޢުރީފްކުރެއްވި އެވެ.

ރާއްޖޭގެ ތަރައްގީގެ ދާއިރާ އިތުރަށް ހަރުދަނާކުރެއްވުމަށްޓަކައި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ފްރޭމްވާކް މެދުވެރިކޮށް، ރާއްޖެއަށް އެހީތެރިވެދެއްވުމަށް ތައްޔާރަށް ތިއްބެވިކަން ވެސް ޑރ. އަކްޖެމާލް މަގްޓިމޯވާ ފާހަގަކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި އދ. އިން ރާއްޖެއަށް ދެއްވާ އެކިއެކި އެހީތައް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވި އެވެ. އަދި ކުރިއަށް އޮތް ތާނގައި ވެސް ރާއްޖެއަށް އދ. އިން އެހީތެރިކަން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވެސް ވިދާޅުވި އެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ޢަބްދުﷲ އަމީން ބައިވެރިވެވަޑައިގަތެވެ.