ފުލުހަކަށް ހަމަލާދޭން އުޅުނު މީހަކު 3000ރ. އިން ޖޫރިމަނާ ކޮށްފި އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނެފައި ވަނީ މއ. އިވްނިންގރޯސް އަހްމަދު ފައްރާހު 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހުގެ އިރުއޮއްސި 6:45 އެހައިކަންހާއިރު ޕޮލިސްޓޯޔާޑު ކައިރިން ދަނިކޮށް މަޑުކުރުމަށް ފުލުހުން އޭނާ އަށް އެންގުމުން މަޑުކުރަން ނުޖެހޭނެ ކަމަށް ބުނެ އެތަނުން ދިޔުމަށް އޭނާ އުޅުނު ކަމަށެވެ.

ސައިކަލުގައި އެތަނުން ދިޔުމަށް އޭނާ އުޅުމުން އެތަނުގައި ހުރި ފުލުހަކު ސައިކަލް ކުރިމައްޗަށް އަރައި ސައިކަލް ދިޔުމަށް ހުރަސްއެޅުމުން އެފުލުސް މީހާގެ ގައިގައި ޖަހަން އޭނާ މަސައްކަތް ކޮށްފައިވާކަން ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.

ފައްރާހު ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ އެއްމަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް އެ ހުކުމްގައި އޭނާ އަށް ވަނީ އަންގާފަ އެވެ.