14 Jul 2014, 17:35
ފަލަސްތީނުގެ ކުށެއްނެތް ރައްޔިތުން ޝަހީދުކޮށް، އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި ދެކޮޅަށް ޒުވާނުން މާދަމާ ރޭ ބާއްވާ ހިނގާލުމުގައި ރާއްޖޭގެ ބޮޑު ހަ ސިޔާސީ ޕާޓީންވެސް ބައިވެރިވުމަށް ނިންމައިފި އެވެ.
ސަރުކާރު ހިންގާ ޕީޕީއެމާއި އިދިކޮޅު އެމްޑީޕީއާއި ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭއިން ވަނީ މާދަމާ ރޭ ބާއްވާ ހިނގާލުމަށް އެޕާޓީތަކުން ފުރިހަމަ އަށް ތާއިދުކުރާކަމަށް ބުނެފަ އެވެ.
"ކުޅިވަރުއެކުވަނި"ގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ރައީސް މުހައްމަދު އަޒްމީލް ވިދާޅުވީ އެ ޕާޓީގެ ޒުވާނުންގެ ގޮފިން ހިނގާލުމުގައި ބައިވެރިވުމަށް ނިންމީ އެކަމަކީ ވަކި ސިޔާސީ ޕާޓީއަކުން އިސް ނަގައިގެން ކުރާ ކަމަށް ނުވާތީ ކަމަށެވެ. އަދި އެ ހިނގާލުމަކީ ސިޔާސީ ހިޔާލު ތަފާތުވުންތައް އެއްކިބާކޮށްގެން ބާއްވާ ހަރަކާތެއްކަމަށް އެ ޕާޓީން ދެކޭ ކަމަށް އަޒްމީލް ވިދާޅުވި އެވެ.
"މީގަ އަޅުގަނޑުމެން އަންގަން ބޭނުންވަނީ ގައުމަށް ނުވަތަ އުއްމަތަށް ބޮޑު ކަމެއް ދިމާވެއްޖެއްޔާ އަޅުގަނޑުމެންގެ ސިޔާސީ ވިސްނުން އަދި ތަފާތުވި ކަމުގައި ވިއަސް މިކަހަކަ ކަމެއްގައި އެއްބަސްކިޔާފަ ނިކުންނަ ވެއްޖެ ކަމަށްވާނަމަ ނިކުންނާނެކަން،" އަޒްމީލް ވިދާޅުވި އެވެ.
ޕީޕީއެމްގެ ޒުވާނުންގެ ގޮފީގެ ރައީސް އިބްރާހިމް ޔޫސުފް ވިދާޅުވީ އެ ހިނގާލުމުގައި ބައިވެރިވުމަށް އެ ޕާޓީގެ އެންމެ މަތީ ފެންވަރުގައި ނިންމާފައިވާ ކަމަށެވެ.
" އަޅުގަނޑުމެން ހުރިހާ ޒުވާނުނަށާއި ހުރިހާ ރައްޔިތުނަށް މި ގޮވާލަނީ މި ހަރަކާތުގައި ބައިވެރިވެދޭން. އެއްވެސް ސިޔާސީ މަގުސަދެއްނެތި، އަޅުގަނޑުމެންގެ އުއްމަތައް ދިމާވެފައިވާ ދެރަ ނިކަމެތި ގޮތަށް ހަމްދަރުދީވެ ފަލަސްތީނުގެ ރައްޔިތުނާއިމެދު އަޅުގަނޑުމެންގެ ހިތްހެޔޮކަމާއި އަޅާލުން އޮތްކަން އަންގަން، "އިބްރާހިމް ވިދާޅުވި އެވެ.
އަދާލަތު ޕާޓީގެ ތަރުޖަމާނު އަލީ ޒާހިރު ވިދާޅުވީ އެ ޕާޓީން ހިނގާލުމުގައި ބައިވެރިވަނީ އިސްރާއީލުން ހިންގާ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް ދިވެހިން ތިބިކަން ބައިނަލް އަގުވާމީ ދުނިޔެއަށް އެންގުމުގެ މަގުސަދުގައި ކަމަށެވެ.
"މިއަދު އަޅުގަނޑުމެނަށް ފެނިގެން މިދާ މަންޒަރަކީ ދިވެހި ރައްޔިތުން ވަރަށް އުފާކުރަން ހައްގު މަންޒަރެއް. އަޅުގަނޑުމެން މިފަދަ ކަންކަމުގައި އެކައްޗެއް ކިޔައިގެން އެއްގަލަކަށް އަރައިގެން މަސައްކަތް ކުރުމަކީ އަޅުގަނޑުމެންގެ ހިތުގައި ގުޅިފައިވާ ރޫހްގެ ވަރުގަދަ ކަންކަމުގައި ދޭހަ ވެގެންދޭ،" ޒާހިރު ވިދާޅުވި އެވެ.
ޖޭޕީގެ ޒުވާނުންގެ ގޮފީގެ ރައީސް މޫސާ އަންވަރު ވިދާޅުވީ ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން ފަލަސްތީނުގެ ރައްޔިތުނަށް ތާއިދުކޮށް ބާއްވާ ހިނގާލުމުގައި ބައިވެރިވުމަށް ޕާޓީގެ ކައުންސިލުން ފާސްކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެންވެސް ވަރަށް ބޮޑަށް އެދެން ޖުމްހޫރީ ޕާޓީގެ ހުރިހާ މެމްބަރުން މިއީ ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން ވައިވެރިވުން،" މޫސަ ވިދާޅުވި އެވެ.
އެމްޑީއޭގެ ޒުވާނުން ގޮފީގެ ރައީސް އަހްމަދު ރީހާން ވިދާޅުވީ އެ ޕާޓީން ހިނގާލުމުގައި ބައިވެރިވަނީ އެ ކަމަކީ ސިޔާސީ ކުލައެއްނެތި ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން ކަމަށެވެ.
"އަޅުގަނޑުމެން އެމްޑީއޭގެ ލީޑަޝިޕުންނާއި ޕާޓީގެ މެމްބަރުންނާއި އަޅުގަނޑުމެނަށް ހެޔޮ އެދޭ ފަރާތްތަކުންވެސް މާދަމާ އޮންނަ ހިނގާލުމުގައި ބައިވެރިވުމަކީ ވަރަށް ބޮޑު އެދުމެއް،" ރީހާން ވިދާޅުވި އެވެ.
ޒުވާނުންގެ ބަޔަކު އިސްނަގައިގެން މާދާމާ ރޭ ބާއްވާ ހިނގާލުމުގައި ބޭނުން ކުރަން ހަމަ ޖެހިފައިވަނީ ކަޅު ނުވަތަ ހުދު ކުލައިގެ ހެދުމެވެ. އަދި އެ ހިނގާލުމުގައި ސިޔާސީ ޕާޓީއެއްގެ އެއްވެސް ނިޝާނެވެސް އަދި ޕާޓީއެއްގެ ދިދަ ވެސް ބޭނުން ނުކުރެވޭނެ ކަމަށް ހިނގާލުން އިންތިޒާމްކުރާ ފަރާތުން ވަނީ ބުނެފަ އެވެ. ޝޯސަލް ސެންޓަރު ކުރިމަތިން މާދަމާރޭ އެ ހިނގާލުން ފެށުމަށް ހަމަ ޖެހިފައިވަނީ 9:30 ގަ އެވެ.