ބްރެޒިލްގައި ރޭ ނިމިގެން ދިޔަ ފީފާ ވޯލްޑް ކަޕް 2014ގައި އާޖެންޓީނާއިން ދެއްކި ހިތްވަރާއި ހޯދި ކާމިޔާބީ ފާހަގަކޮށް ގައުމީ ޓީމަށް މަރުހަބާކިއުމަށް އެގައުމުގެ އެތަކެއް ހާސް ސަޕޯޓަރުން ބޭއްވި ރެލީގައި ބަޔަކު މީހުން ހަމަނުޖެހުން ހިންގައިފި އެވެ.

ގައުމީ ޓީމަށް ހިތްވަރު ދިނުމަށް ވެރިރަށް ބުއެނަސް އައިރޭސްގެ ވިޔަފާރީގެ މައި މަރުކަޒު ޑައުންޓައުންގެ 'އޮބެލިސްކް' ކައިރިއަށް ހަމަހިމޭން ކަމާއެކު އެއްވެ ތިބި އެތަކެއް ހާސް ބައެއްގެ ތެރޭގައި ހަމަނުޖެހުން ހިނގަން މެދުވެރިވީ، އެއްވެފައިވާ މީހުންތަކުގެ ތެރެއަށް މަސްތުގެ ހާލުގައި ތިބި ޒުވާނުންތަކެއް ގަލާއި ފުޅިފަދަ ތަކެތި އުކައި ހެދުމުންނެވެ.

ވޯލްޑް ކަޕްގެ ފައިނަލްގައި ޖަރުމަނުއަތުން 1-0 ލަނޑުން އާޖެންޓީނާ ބަލިވުމުން އާޖެންޓީނާގެ އެތަކެއް ހާސް ރައްޔިތުންގެ ލޮލުން ހިތާމައިގެ ކަރުނަ އޮހޮރުނެއް ކަމަކު އެގައުމުގެ ރައްޔިތުން ވަނީ، 24 އަހަރަށް ފަހު އާޖެންޓީނާގެ ގައުމީ ފުޓްބޯޅަ ޓީމުން ފުޓްބޯޅައިގައި ހޯދި ކުރިއެރުން ފާހަގަކޮށް އެ ޓީމާ ދޭތެރޭގައި ފަހުރުވެރި ވާކަމަށް ބުނެފައެވެ.

ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް މީހުންތައް އެހިސާބުން ފޮނުވާލުމަށް އާޖެންޓީނާގެ ފުލުހުން، ކަރުނަ ގޭހާއި ރަބަރު ވަޒަން ބޭނުން ކޮށްފައި ވާއިރު އެގައުމުގެ ފުލުހުންނާ ހަވާލާދީ އޭޕީން ބުނީ، މީހުން އެއްވާން ފެށުމުން ފުލުހުން ފުރަތަމަ އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށެވެ. އަދި ފުލުހުން ހަރަކާތްތެރި ވާން ފެށީ، ރާބޮއިގެން މަސްތުވެގެން ތިބި ޒުވާނުންތަކެއް މޫނުނިވާކޮށްގެންއައިސް ތިބެ އެއްވެފައިވާ މީހުންގެ ތެރެއަށް ގާއުކައި، ފިހާރަތަކުގެ ބިއްލޫރިތަކާއި މަގުތަކުގެ ލައިޓްތައް ހަލާކުކޮށް ގެއްލުންތަކެއް ދިނުމުން ކަމަށް ވެސް އޭޕީ ބުންޏެވެ.

ކުޑަކުންދިން ގޮވައިގެން ގިނަ އަދަދެއްގެ ބެލެނިވެރިން ވެސް ގޮސްތިބި އެ އެއްވުމުގައި ހިންގި ހަމަނުޖެހުންތަކުގައި ފުލުހުންގެ 20 އޮފިސަރަކަށް އަނިޔާވެފައިވާ އިރު ހަމަނުޖެހުން ހިންގި މީހުންގެ ތެރެއިން 60 މީހަކު ހައްޔަރުކޮށްފައި ވާ ކަމަށް އާޖެންޓީނާގެ ފުލުހުން ވަނީ ބުނެފައެވެ.

އާޖެންޓީނާގެ ސަޕޯޓަރުން ޒަމާނުއްސުރެން އެގައުމުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކާމިޔާބީ ފާހަގަކުރުމަށް އެ ސަރަހައްދަށް އެއްވާއިރު އެއީ ޓީމުގެ ނާކާމިޔާބީ ފާހަގަކުރަން އެއްވާ ތަނެއް ނޫނެވެ. ކާރު ތަކާއި އެހެނިހެން އުޅަނދުތަކުގެ ބަރުގޮނުން ތަރުހީބު ދޭގޮތަށް އަޑު ލައްވަމުން އެންމެން އެއް އަޑަކަށް "އާޖެންޓީނާ! އާޖެންޓީނާ! އާޖެންޓީނާ!" ގޮވަމުން ދިޔަކަމަށް ވެއެވެ.

"އަހަރެމެން ދެރަވާން ޖެހޭ އެއްވެސް ކަމެއް ނެތް. އަހަރެމެން ކުޅުނީ އެންމެ މޮޅު ފުޓްބޯޅަ،" ހަ އަހަރުގެ އަންހެން ދަރިފުޅު ކޮނޑުމަތީގައި ބާއްވާލައިގެން އެތަނަށް ގޮސްހުރި 53 އަހަރުގެ ހޮރާސިއޯ ލަޒެއިރާސް ބުންޏެވެ.

ދުނިޔޭގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ އާޖެންޓީނާ މިފަހަރުގެ ވޯލްޑް ކަޕްގެ ފައިނަލުގައި ޖަރުމަނާ ދެކޮޅަށް ނުކުތް އިރު ވެސް ބްރެޒިލްގެ މައްޗަށް ޖަރުމަނުން ހޯދި 7-1 ލަނޑުގެ ކާމިޔާބަށް ފަހު ގިނަ ބަޔަކު ބުނަމުން ދިޔައީ މިފަހަރަކީ ޖަރުމަނުގެ ފަހަރެއް ކަމަށެވެ. އެހެން ނަމަވެސް ދުނިޔޭ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހަތަރު ފަހަރު ހޯދާފައިވާ ލިއޮނަލް މެސީގެ ކެޕްޓަން ކަމުގައި ކުޅުނު އާޖެންޓީނާ ޓީމުން ވަނީ ފައިނަލް މެޗުގެ 90 މިނިޓުގެ ތެރޭގައި މެޗުގެ ނަތީޖާ ބަދަލުކޮށްލާނޭ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުކޮށްލައިފައެވެ.

އެއްވެފައިވާ ގިނަބަޔަކު މެސީއަށް ތައުރީފުކުރަމުން ދިޔަ ނަމަވެސް ބައެއް މީހުން ވަނީ މެސީގެ ކުޅުމަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.

"މެސީއަކީ އަދިވެސް މަރަޑޯނާއެއް ނޫން،" 1986ގައި ޖަރުމަނު ބަލިކޮށް ތަށި އުފުލައިލި އާޖެންޓީނާގެ އޭރުގެ ތަރި މަރަޑޯނާއާ މެސީއާ އަޅާކިޔައި އުމުރުން 31 އަހަރުގެ އެޑުއާޑޯ ރޮޑްރިގޭޒް ބުންޏެވެ. "އަހަރެމެން މިތަނަށް އެއްވެ މިތިބީ އުފާ ފާޅުކުރަން. އަހަރެމެންގެ ބަތޮލުންނާ ދޭތެރޭ އަހަރެމެން ފަހުރުވެރިވަން."

އާޖެންޓީނާގެ ވެރިރަށުގައި ރޭގެ ފައިނަލް މެޗުބެލުމަށް 20،000 ސަޕޯޓަރުން އާޖެންޓީނާގެ މަޑުނުލާއި ހުދުކުލައިގެ ޖޯޒީ އަޅައިގެން އެގައުމުގެ ދިދަ ހިފައިގެން ބޮޑު ސްކްރީނެއް ބަހައްޓާފައިވާ ޕްލާޒާ ސެން މާޓިންއަށް އެއްވި އެވެ.

"މިއީ އަހަރެންގެ ހަޔާތުގައި ވަރަށް ބޮޑު ހިތްދަތިކަމެއް ލިބިގެން ދިޔަ ދުވަހެއް،" އުމުރުން 19 އަހަރުގެ ސޮލެޑާޑް ކެނެލަސް ބުންޏެވެ. "އަހަރެން ދެކެމުންއައި ހުވަފެނެއް އެއީ މިފަހަރު އަހަރެންގެ ހަޔާތުގައި ފުރަތަމަ އާޖެންޓީނާ ދުނިޔޭގެ ޗެމްޕިއަނުންނަށް ވުން."

އާޖެންޓީނާ މިފަހަރުގެ ފައިނަލުން ބަލިވި ނަމަވެސް އެ ޓީމުން ދެއްކި ހިތްވަރާއި މޮޅު ކުޅުމުގެ ސަބަބުން ފައިނަލް މެޗު ކުޅުނު ބްރެޒިލްގެ ރިއޯ ޑި ޖެނެއިރޯގައި ވެސް އާޖެންޓީނާގެ 70،000 ވަރަކަށް ސަޕޯޓަރުން ވަނީ، އެ ޓީމަށް ހިތްވަރުދީ އުފާފާޅުކޮށްފައެވެ.