14 Jul 2014, 16:18
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދައިގެ ހިދުމަތް ލިބޭ ފާމަސީއެއް ގާއިމްކުރުމަށް ރައްޔިތުންނާއި ސަރުކާރު ހިއްސާވާ ކުންފުނި، އެސްޓީއޯ އިން ކުރަމުންގެންދާ މަސައްކަތުގެ ދަށުން ކ. ހިންމަފުށީގައި އެސްޓީއޯގެ ފާމަސީއެއް ހުޅުވައިފި އެވެ.
އެސްޓީއޯ އިން ބުނީ މިމަހު 10 ވަނަ ދުވަހު ކ. ހިންމަފުށީގައި ހުޅުވީ "އެސްޓީއޯ ފާމަސީ ކ. ހިންމަފުށި" އިން އާސަންދައާ އެކު މިހާރު ހިދުމަތް ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
ކޮންމެ ރަށެއްގައި އާސަންދައިގެ ހިދުމަތް ލިބޭ ބޭސްފިހާރައެއް ހުޅުވަން ޖޫން މަހު ހެލްތު މިނިސްޓްރީއާ އެކު އެސްޓީއޯ އިން އެއްބަސްވެފައިވާ އިރު އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ ކޮންމެ ރަށެއްގައި ބޭސްފިހާރައެއް ހެދުމުގެ ބޭނުމަކީ ރައްޔިތުންނަށް ފަސޭހަކަމާ އެކު ބޭހުގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށާއި ސަރުކާރުގެ އުންމީދަކީ ދިވެހި ރާއްޖޭގެ ކޮންމެ ރައްޔިތަކީ ވެސް އާސަންދައިގެ ދަށުން ބޭސް ލިބޭ ރައްޔިތަކަށް ވުން ކަމަށެވެ.
އެސްޓީއޯ އިން ހިންމަފުށީގައި ބޭސްފިހާރައެއް ހުޅުވާފައިވާ އިރު ހުރިހާ ރަށެއްގައި ހަދާ ފާމަސީތަށް ދެ އަހަރުތެރޭގައި ނިންމާނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.