14 Jul 2014, 16:16
ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރުކަމަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށްޓަކައި ބާއްވާ ގުރުއަތުލުން މާދަމާ ބާއްވަން ނިންމައިފި އެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އޮފިޝަލަކު ވިދާޅުވީ ގުރުއަތުލުން އޮންނާނީ މާދަމާ މެންދުރު ފަހު 2:00 ގައި އެ ޑިޕާޓްމަންޓުގައި ކަމަށެވެ.
ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގެ މެމްބަރުކަމަށް އިންތިޚާބުކުރާ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު 2:00 އަށް ހަމަވިއިރު ކުރިމަތިލައްވާފައިވަނީ ހަތަރު ފަނޑިޔާރަކު ކަމމަށް ވެސް އެ ޑިޕާޓްމަންޓުން ބުންޏެވެ.
އެއީ ފ. މަގޫދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުއްސައްތާރު ސުލައިމާނާއި ޑްރަގް ކޯޓުގެ ގާޒީ އަލްއުސްތާޒު ޒުބައިރު މުހައްމަދާއި ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު އީސާ ފުޅު އަދި ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރުއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 158 ވަނަ މާއްދާގެ (ރ) އާއި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު ގެ ތިން ވަނަ މާއްދާގެ ހަތަރު ވަނަ ނަންބަރުގެ ދަށުން ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީއަށް މެމްބަރަކު ހޮވުމަށްޓަކައި ބާއްވާ އިންތިޚާބުގެ ވޯޓުލުން އޮންނާނީ މި މަހުގެ 20 ވަނަ ދުވަހުގެ ހެނދުނު 10:30 އިން މެންދުރު 1:30 އަށެވެ.