އިސްރާއިލުން ދިން އުދުވާނީ ހަމަލާއަކުން ސަލާމަތްވުމަށް ޣައްޒާގައި ދިރިއުޅޭ އާންމު ރައްޔިތެއްކަމަށްވާ ޚާދަރް ޚާދަރަށް ލިބުނީ މިނެޓަކަށް ވުރެން ވެސް މަދު ހިނދުކޮޅެކެވެ.

ހުކުރު ދުވަހުގެ ހެނދުނު ހަތެއްޖެހީއެވެ. ފަންސާސް ފަސްއަހަރުގެ ޚާދަރު އޭނާގެ ފަސްދަރިން ގޮވައިގެން އޭނާގެ ގޭގެ ސިޑިދަށުގައި ނިދާފައިއޮއްވާ ހޭލެވުނީ މީހަކު ހަޅޭއްލަވާ އަޑަށެވެ.

"ނުކުމޭ ޑރ. ޚާދިރޫ! އެމީހުން [އިސްރާއީލުން] އަހަރެންގެ ގެ ގޮއްވާލަން އެއުޅެނީ!" ޚާދިރުގެ އަވަށްޓެރިއެއް ހަޅޭއްލަވައިގަތެވެ.

ޣައްޒާގެ ޔުނިވާސިޓީއެއްގެ ލެކްޗަރާކަން ވެސް ކުރަމުން އަންނަ ޚާދަރު އަވަސްވެގަތީ އޭނާގެ ދަރިންކޮޅު ގޮވައިގެން އޭނާގެ ގެއާ ވީހާވެސް ދުރަކަށް ދިއުމަށެވެ. ހަމަ އެވަގުތު އިސްރާއީލުން އިންޒާރެއްގެ ގޮތުގައި ޖެހި ފުރަތަމަ މިސައިލްގެ އަޑުއިވިގެން ދިޔައެވެ. އޭނާގެ ހަތް އަހަރުގެ އެންމެ ހަގު ދަރިފުޅު މުހައްމަދު ހުރީ ބިރުން ގުޑިލަންވެސް ނުކެރިފައިކަމަށް ޚާދަރު ބުންޏެވެ.

ބިރުން ތުރު ތުރުލާފައި ހުރި އަޑަކުން އަލް ޖަޒީރާއާ ވާހަކަދައްކަމުން ޚާދިރު ބުނީ ފުރާނަ ސަލާމަތްކުރަން އޭނާ ބެލީ އެގެއާ ވީހާވެސް ދުރަށްދެވޭތޯކަމަށެވެ. އޭނާގެ ފަސް ދަރިން ގޮވައިގެން ކާރަށް އަރައިގެން އޭނާގެ ގެ ހުންނަ މަގުގެ އެންމެ ކޮޅަށް ދުއްވާފައި ދިޔައިރު އިސްރާއީލުން ދެވަނަ މިސައިލް ފޮނުވާލައިފިއެވެ.

ޣައްޒާގެ އެއަވަށުގައި މަގުބޫލު ޚާދަރު ބުނީ އިސްރާއީލްގެ އަސްލު ޓާގެޓަކީ އޭނާގެ ގެ ނޫންކަމަށާއި އެމީހުންގެ އަސްލު ޓާގެޓަކީ އޭނާގެ ގެއާއި ޖެހިގެން ހުރި ގެ ކަމަށެވެ. ޚާދަރު ބުނި ގޮތުގައި އޭނާގެ ކުޑަ ދަރިންތަކަށް އެފެނިގެންދިޔައީ ވަރަށް ހިތާމަވެރި މަންޒަރެކެވެ.

" އަހަރެންގެ ދަރިންތައް އެތިބީ އެހާދިސާ އާއި ހެދި ވަރަށް ދެރަވެފައި. އެފަދަ ކަމެއް ހައްގުވާން އެމީހުން ކީއް ކުރީ؟" ޚާދިރު އަލްޖަޒީރާ އާއި ސުވާލުކުރިއެވެ. " އަހަރެންގެ ދަރިން މިހާރު ބިރުގަނޭ ގެޔައް އަންނަން ވެސް. އަހަރުމެން ސަލާމަތްވީ ހަމަ ކަރާމާތަކުން" ޚާދިރު ބުންޏެވެ.

ވީކަމެއްވެ ނިމުނު ފަހުން ޚާދިރު އޭނާގެ ގޭގެގައި އަދިވެސް ބޭނުންކުރެވޭ ހާލަތުގއި އެއްޗެއް އޮތްތޯ ބަލަން ދިޔަ އެވެ. ނަމަވެސް ގޭގައި ގެންގުޅެން ބޭނުންކުރާ އެއްވެސް އެއްޗެއް ބޭނުންކުރެވޭފަދަ ހާލަތެއްގައި ނެތެވެ. އޭނާގެ ގޭގެ ފްރޭމް ފިޔަވައި އެގޭގެ ފަރުނީޗަރާއި، ދޮރުތަކާއި، ކުޑަދޮރުތަކުގެ އިތުރުން އޭނާ ކިޔަން ގެންގުޅުނު ފޮތްތައް ވެސް ވަނީ ސުންނާފަތިވެފައެވެ.

ކިޔަވައިދިނުމުގެ ފުންނާބުއުސް އަދި އެއަވަށުގައި މަގްބޫލު ޓީޗަރެއް ހިނދުކޮޅެއްގެ ތެރޭގައި މިހާރު ވަނީ ބޯހިޔާވަހިކަމެއް ނެތް ފަގީރު ރެފިއުޖީއަކަށް ވެފައެވެ.