11 Jan 2011, 01:34
އައްޑޫގައި ސިޓީ ކައުންސިލް ނުހެދޭނެކަމަށް ސިވިލް ކޯޓުން ނިންމުމާ ގުޅިގެން އެމްޑީޕީން މިރޭވެސް މުޒާހަރާ ކޮށްފި އެވެ.
ރެއެކޭ އެއްގޮތަށް އައްޑޫ ރައްޔިތުންކަމަށް ބުނާ އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން މިރޭ 8:30 އެހާއިރު މުޒާހާރާ ފަށާފައިވަނީ ގައުމީ ޕާޓީގެ ރައީސް ޑރ. ހަސަން ސައީދު ދިރިއުޅުއްވާ ގ. ޝޭޑީޕާމް ދޮށުންނެވެ.
އެސަރަހައްދަށް އެވަގުތު އެއްވެތިބި 50 ވަރަކަށް މީހުން ގޮވަމުން ގެންދިޔައީ އައްޑޫގައި ސިޓީކައުންސިލް ހަދާނެ ކަމަށެވެ. އަދި ގައުމީ ޕާޓީއަކީ 3،000 މީހުންވެސް ހަމަނުވާ ޕާޓީއެއް ކަމަށެވެ. މީގެ އިތުރުން ގައުމީ ޕާޓީގެ ރައީސް ޑރ. ހަސަން ސައީދާއި އެ ޕާޓީގެ އިސްވެރިންނަށް ތަފާތު ފާޑުތައް ކިޔަމުން ގެންދިޔަ އެވެ.
މުޒާހަރާ ކުރަމުން ގެންދިޔަ މީހުން ގެންގުޅުނު ޕޯސްޓަރު ތަކުގައި ގައިވެސް ގައުމީ ޕާޓީ އާއި ދެކޮޅަށް ތަފާތު ޝުއޫރުތައް ލިޔެފައިވެ އެވެ. އަދި އައްޑޫ ސިޓީ ކައުންސިލެއް ހެދުމަށް ބޭނުންވާ ކަމަށް ލިޔެފައިވެ އެވެ.
މުޒާހަރާގައި އަޑުގަދަކުރާ ހަރުކޮށްފައިހުރި ޕިކަޕުން ގޮވަމުން ގެންދިޔައީ ގައުމީ ޕާޓީގެ ނައިބު ލީޑަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގުރާމުގައި މުޒާހަރާ ކުރަމުން ގެންދަނީ "ގުންޑާއިން" ކަމަށް ވިދާޅުވަމުންދާ ކަމަށާއި އެ ޕިކަޕު ފަހަތުން ސޯސަން މަގުގައި ހުންނަ ވީޓީވީ ކައިރިއަށް އެންމެން ދިއުމަށެވެ.
މުޒާހަރާ ކުރާ މީހުން ވީޓީވީ ދޮށައް ދިޔައީ 9:30 އެހާއިރު އެވެ. އެސަރަހައްދަށް ގޮސް ބައެއް މީހުން ވީޓީވީ ތެރެއަށް ވަނުމަށް މަސައްކަތް ކުރި އެވެ. ނަމަވެސް ފުލުހުން އެމީހުން އެތެރެއަށް ވަނުމަށް ހުރަސް އެޅި އެވެ. އެހިސާބުން ދެން ދިޔައީ ވީޓީވީ ކައިރީގައި ޕާކްކޮށްފައި އޮތް، ޑރ. ޖަމީލުގެ ކާރުކޮޅާ ދިމާއަށެވެ. ގޮވަމުން ދިޔައީ އެ ކާރު ޕާކު ކޮށްފައި އޮތީ ގަވާއިދާ ހިލާފަށް ކަމަށެވެ.
"ކާރު ޕާކުކޮށްފައި އެއޮތީ ގަވާއިދާ ހިލާފަށް. ކާރު ދުރުކުރޭ! ދިވެހިރާއްޖޭގެ ގާނޫނު ދެމެހެއްޓުމަށް އަޅުގަނޑުމެން ފުލުހުންނަށް ގޮވާލަން، ގަވާއިދާ ހިލާފަށް ޕާކުކޮށްފައި އޮތް ކާރެއް ފުލުހުންނަކަށް ހިމާޔަތެއް ނުކުރެވޭނެ. ތިހެން ހަދަންޏާ މި ގުޅަނީ ހޯމް މިނިސްޓަރަށް." މުޒާހަރާ ކުރަމުން ގެންދިޔަ އެމްޑީޕީގެ އެކްޓިވިސްޓެއް ފުލުހުންނާ ދިމާއަށް ބުންޏެވެ.
ހޯމް މިނިސްޓަރަށް ގުޅާނެކަމަށް ބުނުމުން ފުލުހުންގެ އިސް އޮފިޝަލަކު އައިސް އޭނާ އާއި ސިއްރުން ވާހަކަތަކެއް ދެއްކި އެވެ. ނަމަވެސް އެމީހުން ދެއްކީ ކޮން ވާހަކައެއް ކަމެއް ސާފެއް ނުވެ އެވެ.
މުޒާހަރާ ކުރާ މީހުން ވީޓީވީ ކައިރިއަށް ދިއުމާއެކު އެ ސަރަހައްދަށް މީހުން ގިނަވަމުން ދިޔަ އެވެ. މުޒާހަރާ ކުރާ މީހުންނާއި މަންޒަރު ބަލަން ތިބި މީހުންނާއިއެކު މުޅި މަގު އޮތީ އެއްކޮށް ބަންދުވެފަ އެވެ.
މުޒާހަރާ ލީޑް ކުރަން އޮތް ޕިކަޕުގައި އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުގެ މެންބަރުންނާއި، އެ ޕާޓީގެ ބައެއް އިސްވެރިން ވެސް ތިއްބެވެ. އެ ބޭފުޅުން ވިދާޅުވަމުން ގެންދެވީ ސަރުކާރުން ބޭނުންވަނީ އައްޑޫގައި ސިޓީ ކައުންސިލެއް ހެދުމަށް ކަމަށާއި ޑރ. ހަސަން ސައީދާއި ގައުމީ ޕާޓީގެ އިސްވެވެރިންނަކީ އައްޑޫގެ ކުރިމަގަށް ހުރަސް އަޅާ ބައެއް ކަމަށެވެ. އަދި ގައުމީ ޕާޓީ އުވާލުމަށެވެ.
ޕިކަޕުގައި ތިއްބެވި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ބޭފުޅުންގެ ތެރޭގައި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާގް މުފީދާއި، ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ އާއި، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި، ނޮޅިވަރަމު ދާއިރާގެ މެންބަރު މުހަންމަދު ނަޝީދު [ކާނަލް] ހިމެނެ އެވެ.
"ޖަމީލް ވިދާޅުވަނީ އަޅުގަނޑުމެންނަކީ ގުންޑާއިންނޭ. މުޒާހަރާ ކުރަން އެއްވެ ތިބީ ހަތް ވަރަކަށް ގުންޑާއިންނޭ ވިދާޅުވަނީ. ނުކުމެ ބައްލަވާލައްވާ މިތާނގައި ތިބީ ގުންޑާއިންތޯ. މިތިބީ އައްޑޫ ރައްޔިތުން. ދިވެހި ރައްޔިތުން." އިލްޔާސް ލަބީބް ވިދާޅުވި އެވެ.
އިރުގަނޑެއް ފަހުން ޑީއާރުޕީގެ ބައެއް އެކްޓިވިސްޓުންތަކެއް މުޒާހަރާގެ ތެރެއަށް ވަދެ ގަތްތަން ވެސް ފެނުނެވެ. އެވަގުތު ދެބައި މީހުންގެ މަދުގައި ހަމަނުޖެހުމެއް ވެސް ހިނގި އެވެ. އެ ހާދިސާގެ ތެރޭގައި އެއްބަޔަކު އެނެއް ބައެއްގެ ގަޔަށް ފެންވެސް ޖަހާފައި ވެއެވެ. އަދި ވަން މީހުންގެ ތެރެއިން ބައެއް މީހުންގެ ކަންފަތުގައި މެގަ ފޯނު ޖައްސައި ކުރީގެ ރައީސް މައުމޫނަށް ހުތުރުބަހުން އެއްޗެހި ގޮވާފައި ވެއެވެ. ރައްދުގައި ޑީއާރުޕީގެ އެކްޓިވިސްޓުން ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ވެސް ހުތުރުބަހުން އެއްޗެހި ގޮވާފައޮ ވެ އެވެ. އެކަންތައްތައް ހިނގި އިރު އާންމުންނާއި ފުލުހުންނާއި ދެމެދު ބޮޑު ހަމަނުޖެހުން ތަކެއް ނުހިނގައެވެ. އޭރުވެސް ފުލުހުން ގެންދިޔައީ ވީޓީވީ ދޮރުމަތީގައި ސިކިއުރިޓީ ވަރުގަދަ ކުރަމުންނެވެ. އެ ގޮތުން ފުލުހުންގެ ހަތަރު ވެހިކަލު ގެނެސް ޑރ. ޖަމީލުގެ ކާރުކޮޅު މުޒާހަރާ ކުރާ މީހުންނަށް ނުފެންނަގޮތަށް އޮތީ ބައްދާލާފަ އެވެ.
މުޒާހަރާ ނިންމާލިކަން އިއުލާނުކުރީ 10:45 ހާއިރު އެވެ. މުޒާހަރާ ނިންމާލަމުން އެމީހުން ބުނެފައިވަނީ އައްޑޫގައި ސިޓީ ކައުންސިލެއް ހެދެންދެން މުޒާހަރާތައް ކުރިއަށް ގެންދާނެ ކަމަށެވެ.
ރޭގެ މުޒާހަރާ ނިމުނުކަމަށް އިއުލާނު ކުރި ފަހުން ޑރ. ޖަމީލު ވީޓީވީ ތެރެއިން ނުކުމެ ވަޑައިގަތް އިރު ވެސް ގިނަ އަދެއްގެ މީހުން އެއްވެފައި އޮތެވެ. 11:00 ޖަހަނީ އެވެ. ޑރ. ޖަމީލް ވީޓިވީ އިމާރާތުން ފުލުހުންނާއި އެކު ނުކުމެ ވަޑައި ގަތުމުން އެސަރަހައްދުގައި ތިބި ބައެއް މީހުން އަޑުގަދަކޮށް ޑރ. ޖަމީލާ ނިސްބަތް ފަތާތު ޝުއޫރުފާޅު ކުރި އެވެ. ނަމަވެސް ޑރ. ޖަމީލު އިސްޖައްސަވައި ހުންނަވައި ފުހުންގެ ޖިޕުގައި ވަޑައިގަތީ އެވެ.