14 Jul 2014, 15:41
ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް އެމްޑީޕީން ބޭއްވި ހިނގާލުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުންގެ މައްސަލަ ތަހުގީގުކުރުމަށްފަހު ޝަރީއަތަށް ހުށަހެޅުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިދިނުމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ކޮމިޝަނާ އޮފް ޕޮލިސް އަށް އަންގަވައިފި އެވެ.
'ސަން'އަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވީ، އެ ހިނގާލުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުންގެ މައްސަލަ ތަހުގީގު ކުރުމަށް ހޯމް މިނިސްޓަރު އަންގަވާފައި ވަނީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ޚިލާފަށް އިސްލާމިކް މިނިސްޓަރުގެ ގެކޮޅު ކައިރީ ހުއްޓިތިބެ އަޑުގަދަކުރާ ބޭނުންކޮށްގެން މުޒާހަރާކޮށްފައިވާތީ ކަމަށެވެ.
ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ބ) ގައި ބުނެފައި ވަނީ ވަކި މީހަކާ ދެކޮޅަށް މުޒާހަރާ ކުރުމަށްޓަކައި އެމީހަކު ދިރިއުޅޭ ގޭގެ ކައިރީގައި ނުވަތަ ދިރިއުޅޭ ފްލެޓެއް ނުވަތަ އެފަދަ ތަނެއްގެ ކައިރީގައި އަޑުގަދަކުރާގެ އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން އެއިން ތަނަކަށް އެއްވެ ހުއްޓި ތިބޭގޮތަށް ނުވަތަ އިށީނދެ ތިބޭގޮތަށް އެއްވުމެއް ބޭއްވުމަކީ މަނާކަމެއް ކަމަށެވެ.
އެ ހިނގާލުމުގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅުންގެ ތެރޭގައި މާލޭ ސިޓީގެ މޭޔަރު މުހައްމަދު ޝިހާބާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް އާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ އިތުރުން މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝިފާޒު ހިމެނިވަޑައިގަންނަވައެވެ.