14 Jul 2014, 15:26
އަމިއްލަ ފަސްގަނޑުގައި ބޭއްވި މިފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ނާކާމިޔާބަށް ފަހު، ބްރެޒިލްގެ ކޯޗް ކަމުގެ މަގާމުން ލުއިސް ފެލިޕެ ސްކޮލާރީ ދުރުކުރަން އެގައުމުގެ ފުޓްބޯޅަ ކޮންފެޑެރޭޝަނުން ނިންމައިފި ކަމަށް ބްރެޒިލްގެ ހަބަރު ފަތުރާ ވަސީލަތްތަކުން ބުނެފި އެވެ.
ބްރެޒިލްގެ ލީޑިން ބްރޯޑްކާސްޓަރު ގްލޯބޯ ޓީވީއާ ހަވާލާދީ އޭޕީގައި ބުނެފައި ވަނީ، އަމިއްލަ ފަސްގަނޑުގައި ބްރެޒިލްގެ ގައުމީ ޓީމަށް މިފަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ނުކުރެވުމުން ޓީމުގެ ކޯޗު ކަމުގެ މަގާމުން ސްކޮލާރީ ދުރުކުރަން ނިންމާފައި ވާ ކަމަށެވެ. އަދި އެގައުމުގެ ފުޓްބޯޅަ ކޮންފެޑެރޭޝަންގެ އޮފިޝަލް ސްޓޭޓްމަންޓް މިއަދުގެ ވަގުތެއްގައި ނެރޭނޭ ކަމަށްވެސް ގްލޯބޯއިން ވަނީ ބުނެފައެވެ.
ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ޖަރުމަނު އަތުން 7-1 ލަނޑުގެ ލަދުވެތި ނަތީޖާއަކުން ބަލިވުމުން އޭގެ ފުރިހަމަ ޒިންމާ ނަގާކަމަށް ސްކޮލާރީ ވަނީ ކުރިން ބުނެފައެވެ. އަދި މިފަހަރުގެ މުބާރާތުގެ ތިންވަނަ ހޮވި މެޗުގައި 3-0 އިން ނެދަލޭންޑްސް އަތުން ބްރެޒިލް ބަލިވި މެޗަށް ފަހު، ސްކޮލާރީ ބުނީ އޭނާ ކޯޗު ކަމުގެ މަގާމުގައި ބަހައްޓަން ފެނޭތޯ ނޫންތޯ ނިންމާނީ ބްރެޒިލްގެ ފުޓްބޯލް ކޮންފެޑެރޭޝަނުން ކަމަށެވެ.
ބްރެޒިލްގެ ކޯޗު ކަމާ ސްކޮލާރީ ދެވަނަ ފަހަރަށް ހަވާލުވީ މިފިޔަ އަހަރު އެގައުމުގައި ބޭއްވި ފީފާ ކޮންފެޑެރޭޝަންސް ކަޕަށް ބްރެޒިލް ޓީމު ތައްޔާރުވަމުން ދަނިކޮށެވެ. ސްކޮލާރީގެ ކޯޗު ކަމުގައި ބްރެޒިލް ވަނީ 2013 ވަނަ އަހަރުގެ ކޮންފެޑެރޭޝަންސް ކަޕް ކާމިޔާބުކޮށްފަ އެވެ. އެމުބާރާތް ބްރެޒިލް ކާމިޔާބުކުރީ، 2010 ވަނަ އަހަރުގެ ދުނިޔޭގެ ޗެމްޕިއަން ސްޕެއިން ފައިނަލްގައި 3-0 ލަނޑުން ބަލިކޮށްފަ އެވެ.
މިފަހަރުގެ ވޯލްޑް ކަޕްގައި ބްރެޒިލްއަށް ލިބުނު ނާކާމިޔާބީއަށް ފަހު އެގައުމުގެ ސަޕޯޓަރުންގެ ގިނަބައެއްގެ ފާޑުކިއުންތައް ވަނީ ސްކޮލާރީއަށް އަމާޒުވެފައެވެ. އަދި ގިނަ ބަޔަކު ދަނީ ސްކޮލާރީ މަގާމުން ދުރުކުރުމަށް ގޮވައިލަމުންނެވެ.
ސްކޮލާރީ ވަނީ 2001 ވަނަ އަހަރު ބްރެޒިލްގެ ކޯޗުކަމާ ހަވާލުވެ އޭގެ އަހަރެއް ފަހުން ބްރެޒިލަށް ވޯލްޑް ކަޕް ތަށި ކާމިޔާބުކޮށްދީފައެވެ. ޖަޕާނުގައި 2002 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ތަށި ބްރެޒިލުން އެފަހަރު އުފުލައިލީ ޔޮކޮހާމާގައި ކުޅުނު ފައިނަލް މެޗުގައި ޖަރުމަނާ ވާދަކޮށް 2-0 ލަނޑުން ޖަރުމަނު ބަލިކުރުމަށް ފަހު އެވެ.