ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ދައުރުގެ މުއްދަތު ބަދަލު ކުރެވޭނީ ވެސް އަދި ރައީސަކަށް ވިދިވިދިގެން ދެ ދައުރަށް ވުރެ ގިނަ ދުވަހު ނުހުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ މާއްދާ ބަދަލު ކުރެވޭނީ ވެސް ރައްޔިތުންގެ ސިއްރު ވޯޓަކުން ކަމަށް ކަނޑައަޅަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލު" މަޖިލީހަށް މިއަދު ބަލައިގެންފި އެވެ.

ސަރުކާރުގެ ފަރާތުން ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޚަލީލް ހުށަހަޅުއްވާފައިވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލު ބަލައިގަންނަން ފެނިވަޑައިގަންނަވާ ކަމަށް ވޯޓް ދެއްވީ 47 މެންބަރުންނެވެ. ބަލައިގަންނަން ފެނިވަޑައިނުގަންނަވާ ކަމަށް ހަތް މެންބަރުން ވޯޓް ދެއްވާފައިވާ އިރު ހަ މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެ އެވެ. މިބިލު ބަލައިގަތުމާ ގުޅިގެން ބިލު ދިރާސާކުރެއްވުމަށް ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމެޓީ ބެހޭ އަށް ފޮނުވައިފަ އެވެ.

ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލް ހުށަހެޅުއްވި ބިލުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާނީ ސީދާ ރައްޔިތުންގެ ސިއްރު ވޯޓަކުން ކަމަށް ބުނެފައިވާ މާއްދާ ވެސް ބަދަލު ކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުންނެވެ.

ބިލްގައި ބުނެފައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ދައުރަކީ ފަސް އަހަރު ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ މާއްދާ އާއި ގާނޫނު އަސާސީގައިވާ ހައްގުތަކާއި މިނިވަންކަމުގެ ބާބުގެ މާއްދާއެއް ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ނަމަވެސް އެ ބިލެއް ތަސްތީގު ކުރުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ވާނެ ކަމަށް އެ ބިލްގައިވެ އެވެ.

ރައްޔިތުންނާ ގުޅުހުން ހުރި ކަންކަމުގައި އާއްމުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ރައްޔިތުންގެ މަޖިލީހަށް ނިންމިދާނެ ކަމަށާއި އަދި ގައުމީ މުހިންމު މައްސަލަތަކުގައި އާއްމުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ނިންމިދާނެ ކަމަށް ވެސް އެ ބިލްގައި ބުނެފައިވެ އެވެ.

ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ލާޒިމުކޮށްފައިވާ ކަންމުގަ އާއި ވޯޓަކަށް ދެވިދާނެ ކަންމުގައި ވޯޓު ނެގުމުގެ ކަންކަން ކުރިއަށް ގެންދަން ވާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށް ވަނީ ބުނެފަ އެވެ.

ގާނޫނު އަސާސީގެ 107 ވަނަ މާއްދާގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބު ކުރާ މީހަކަށް ވިދިވިގެން ދެ ދައުރަށް ވުރެ ގިނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ނުހުރެވޭނެ ކަމަށެވެ.