ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިންފޮމޭޝަން އޮފިސަރު ކަމުގެ މަގާމަށް އިރުޝާދާ ޢަބްދުއްސައްތާރު ހަމަޖައްސަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޑިރެކްޓަރުގެ މަގާމް ވެސް ފުރައްވަމުން ގެންދަވާ އިރުޝާދާ މަޖިލީހުގެ އިންފިމޭޝަން އޮފިސަރުގެ މަގާމަށް ހަމަޖައްސާފައި ވަނީ މިއަދު އެވެ.

މި މަހުގެ 12 ވަނަ ދުވަހު އަމަލު ކުރަން ފަށާފައިވާ މައުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ ދަށުން، ދައުލަތުގެ ކޮންމެ އިދާރާއެއްގައި މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އިންފޮމޭޝަން އޮފިސަރެއް ހުންނަން ޖެހޭނެ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 43 ވަނަ މާއްދާގެ ހ.ގައި ބުނެފައި ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސްގެ ނަމުގައި އެ ގާނޫނަށް ހަމަލު ކުރާ ދުވަހު އޮފީހެއް އުފައްދަން ޖެހޭނެ އެވެ. އެގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް އުފައްދަވާފައި ވަނީ އިއްޔެ އެވެ.

ރައީސް ޔާމީން ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށްޓަކައި މަޖިލީހަށް ވަނީ ނަމެއް ފޮނުވާފަ އެވެ. އެއީ މާވަށު ދާއިރާގެ ކުރީގެ މެމްބަރު އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރު (އަޒީބެ) އެވެ. އޭނާގެ އެ މަގާމަށް އައްޔަން ކުރުމުގެ ކުރިން އޭނާގެ ނަން ދިރާސާ ކުރުމަށް ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ފޮނުވާފަ އެވެ.