14 Jul 2014, 14:44
ޓީޗަރުންނަށް ހާއްސަކޮށްގެން އެޑިއުކޭޝަން މިނިސްޓްރީގެ ތައުލީމީ ފަންޑުން އިމާރާތްކުރި "އެދުރުހިޔާ" އިން ފްލެޓް ލިބޭ ފަރާތްތަކަށް މިމަހުގެ 17 ވާ ބުރާސްފަތި ދުވަހުގެ ރޭ ފްލެޓްތައް ހަވާލު ކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ނައިބު އިބްރާހިމް އިސްމާއިލް އަލީ ވިދާޅުވީ، ބުރާސްފަތި ދުވަހުގެ ރޭ 21:00 ގައި އިސްކަންދަރު ސްކޫލްގައި އޮންނަ ގުރުލުމުގެ ބައްދަލުވުމެއްގައި، ފްލެޓްތަށް ލިބޭ ފަރާތްތަކަށް ލިބެނީ ކޮން ފްލެޓެއްކަން ގުރުއަތުން ހޮވުމަށްފަހު އެ ފަރާތްތަކަށް ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރާނެ ކަމަށެވެ.
އެދުރުހިޔާގެ ފްލެޓްތަކަށް ޖުމްލަ 405 ފަރާތަކުން ކުރިމަތިލާފައިވާ އިރު އެ އިމާރާތުގައި ހިމެނޭ 80 ފްލެޓްގެ ތެރެއިން ފަސް ފްލެޓް މިނިސްޓްރީގެ ބޭނުންތަކަށް ނެގުމަށްފަހު ގުރުއަތުން ހޮވުނު 75 ފަރާތަކަށް ހަވާލުކުރާނީ އެއް ކޮޓަރީގެ 15 ފްލެޓާއި ދެ ކޮޓަރީގެ 60 ފްލެޓެވެ.
މާލޭގައި މަސައްކަތް ކުރާ ޓީޗަރުންނަށް ހާއްސަކޮށް ދޫކުރާ ފްލެޓްތަކުގެ ތެރެއިން އެއް ކޮޓަރީގެ ފްލެޓެއްގެ އަގަކީ މަހަކަށް 3000 ރުފިޔާ އެވެ. ދެ ކޮޓަރީގެ ފްލެޓެއްގެ އަގަގީ މަހަކަށް 5000 ރުފިޔާ އެވެ.