14 Jul 2014, 14:22
ސައުދީ އަރަބިއްޔާގެ ރަސްގެފާނު އަބްދުﷲ ބިން އަބްދުލް އަޒީޒް އަލް ސައުދް ފަންސާސް މިލިއަން ޑޮލަރުގެ ފައިސާގެ އެހީ ފަލަސްތީނުގެ ރެޑް ކްރެސެންޓަށް ހަދިޔާކުރައްވައިފި އެވެ.
ސައުދީ އަރަބިއާގެ ފިނޭންސް މިނިސްޓަރު ޑރ. އިބްރާހީމް ބިން އަބްދުލްއަޒީޒް އަލް އައްސާފްއާ ހަވާލާދީ އަލް އަރަބިއްޔާ ނޫހުގައި ބުނެފައި ވަނީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި އަނިޔާވާ މީހުނަށް އެހީވުމަމުން އަންނަ ފަލަސްތީނުގެ ރެޑް ކްރެސެންޓް ޖަމިއްޔާއަށް ސައުދީގެ ރަސްގެފާނު ފަންސާސް މިލިއަން ޑޮލަރުގެ ފައިސާގެ އެހީއެއް ދެއްވާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ފައިސާ އަކީ އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި އަނިޔާވާ ކުޑަ ކުދިންނާއި، މުސްކުޅިންނާއި، ޚާއްސަ އެހީއަށް ބޭނުންވާ މީހުނަށް ބޭސް ފަރުވާ ކުރުމަށް ބޭނުންވާ ތަކެތި ގަތުމަށްޓަކައި ސައުދީގެ ރަސްގެފާނު ފޯރުކޮށްދެއްވި ފައިސާގެ އެހީއެއްކަމަށެވެ.