ވަޒީރުނާއި މިނިވަން މުއައްސަސާތަކުގެ ވެރިންފަދަ އެގްޒެކްޓިވް ބުރާންޗުތަކުގައި ތިއްބަވާ ބޭފުޅުންގެ އެލަވަންސްގެ ތެރެއިން އުނިކޮށްފައިވާ ކާރުކޮޅުގެ ހަރަދުގެ ގޮތުގައި ހިމެނޭ އެލަވަންސް އަލުން ދިނުމަށް މާލިއްޔަތު ކޮމެޓީން ފާސްކޮށްފި އެވެ.

މާލިއްޔަތު ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި އެގޮތަށް ފާސްކޮށްފައި ވަނީ މާލިއްޔަތު ކޮމެޓީގައި ހިމެނޭ ޕީޕީއެމްގެ ހަ މެމްބަރުންނާއި އެމްޑީއޭގެ މެމްބަރެއްގެ ވޯޓުންނެވެ. އެކަމާއި ދެކޮޅަށް އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ މެމްބަރުން ވަނީ ވޯޓް ދެއްވާފަ އެވެ.

އެގްޒެކްޓިވް ބުރާންޗް ތަކުގައި ތިއްބަވާ ބޭފުޅުންގެ ކާރުކޮޅުގެ ހަރަދުގައި ކުރިން ދެމުންދިޔަ ޑުރައިވަރުގެ މުސާރައިގެ ގޮތުގައި 6500 ރުފިޔާ އާއި ޕެޓްރޯލް ހަރަދުގެ ގޮތުގައި 1000 ރުފިޔާ ނުދިނުމަށް ފާސް ކޮށްފައި ވަނީ 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. ނަމަވެސް މިއަދު އަނެއްކާ ވެސް ނިންމާފައިވަނީ އެ އެލަވަންސް ދިނުމަށެވެ.

ވަޒީރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންގެ ކާރުކޮޅު އެލަވަންސް ދޭން ފަށާނީ ކޮމެޓީން މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ ރިޕޯޓު މަޖިލީހުގެ އަގުލަބިއްޔަތުން ފާސްވުމުންނެވެ.

އެކޮމެޓީގެ މެމްބަރުންގެ މައުލޫމާތައްޓަކައި މަޖިލީހުގެ އިދާރީ މޭޒުން ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ނޮވެމްބަރު މަހަށް އެގްޒެކްޓިވް ބުރާންޗް ތަކުގައި ތިއްބަވާ ފަރާތްތަކުން ކޮށްފައިވާ ހަރަދު ތަކުގެ ތަފްސީލް ކަރުދާހެއް މެމްބަރުންނަށް ދެއްވާފަ އެވެ.

އެ ކަރުދާހަށް އަލިއަޅުވާލައި ވާހަކަފުޅު ދައްކަވަމުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެފައި ވަނީ ކާރުކޮޅަށް ކުރައްވާ ހަރަދު ނުދިނުމަށް މަޖިލީހުން ފާސް ކޮށްފަވީ ނަމަވެސް މިދިޔަ އަހަރުގެ ތެރޭގައި ބަޖެޓުގެ ތެރެއިން މެމްބަރުން އެ ހަރަދުތައް ކުރައްވާފައިވާ ކަމަށެވެ.

"މިހާރު މިއޮތީ ގާނޫނާއި ހިލާފަށް ހަރަދުތައް ކޮށްފައި އެކަން ބަދަލުކުރަން ހުއްދަ ނަގަން ފޮނުވާފައި،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފްގެ ވާހަކަތަކަށް ރައްދުދެއްވަމުން މާލިއްޔަތު ކޮމެޓީގެ މުގައްރިރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ "މަޖިލީހުގެ އިދާރީ މޭޒުން ހިއްސާ ކޮށްފައިވާ ލިޔުންތަކަށް ބަލާއިރު ސަރުކާރުން ގާނޫނާއި ހިލާފަށް ހަރަދުކޮށްފައިވާކަން އެނގެން ނެތް" ކަމަށެވެ.

އެ ކޮމެޓީގައި ވާހަކަ ދެއްކެވި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ މެމްބަރުން ވަނީ މަޖިލީހުން އެ އެލަވަންސް ނުދިނުމަށް ފާސްކޮށްފައި ވަނިކޮށް ވެސް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުން ވެސް މިނިސްޓަރުންގެ ކާރުކޮޅުގެ ހަރަދުތައް ދެއްވާފައިވާކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ސަރުކާރަށް ނިސްބަތް ވާ މެމްބަރުންގެ ތެރެއިން ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވީ މަޖިލީހުން ފާސްކޮށްފައިވާ ގޮތާއި ހިލާފަށް ކާރުކޮޅުގެ ހަރަދުގެ ގޮތުގައި މީގެ ކުރިން ގަވައިދާ ހިލާފަށް ފައިސާ ނަގާފައި ނުވާ ކަމަށެވެ.