14 Jul 2014, 13:12
މޯލްޑިވްސް މީޑިޔާ ކައުންސިލަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލުމަށް ހޯމް މިނިސްޓްރީން ނިންމައިފި އެވެ.
ހޯމް މިނިސްޓްރީގެ ކޯޑިނޭޓަރު ތަމްޒީލް އަބްދުއްސަމަދު މިއަދު "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މީޑިޔާ ކައުންސިލް އިންތިހާބު އަލުން އިއުލާނުކޮށް ގެޒެޓްގައި ޝާއިރުކުރުމަށް ރައީސް އޮފީހަށް އެ މިނިސްޓްރީން ފޮނުވާފައިވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މީޑިޔާ ކައުންސިލަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމަށް ރައީސް އޮފީހަށް އެ މިނިސްޓްރީން ފޮނުވާފައި ވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު ކަމަށެވެ. އޭގެ އިތުރުން އިންތިހާބު ބާއްވާނެ އުސޫލުތައް ޝާއިރުކުރުމަށް ވެސް ފޮނުވާފައިވާނެ ކަމަށް ވެސް ތަމްޒީލް ވިދާޅުވި އެވެ.
މީޑިޔާ ކައުންސިލްގެ ދައުރު މިދިޔަ ޖޫން މަހު ވަނީ ހަމަވެފަ އެވެ. އަދި މީޑިޔާ ކައުންސިލްގެ ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލި ފަހުން މީޑިޔާ ކައުންސިލް ވަނީ ޔޫތް މިނިސްޓްރީގެ ބެލުމުގެ ދަށުން ނަގައި ހޯމް މިނިސްޓްރީ އަށް ބަދަލުކޮށްފަ އެވެ. ފަނަރަ މެމްބަރުން ތިބޭ މީޑިޔާ ކައުންސިލަށް އޭރު ވަނީ 32 ފަރާތަކުން ކުރިމަތިލާފަ އެވެ.