14 Jul 2014, 12:59
ލަންކާގައި ދިރިއުޅެމުންދާ ދިވެހިންނަށް ހާއްސަކޮށްގެން ޒުވާނުންގެ މަރުކަޒެއް ލަންކާގައި މި ހަފްތާގެ ތެރޭގައި ހުޅުވާނެ ކަމަށް ޔޫތު މިނިސްޓަރު މުހައްމަދު މަލީހް ޖަމާލު ވިދާޅުވެއްޖެ އެވެ.
މިއަދު ބާއްވަމުންދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވެވަޑައިގެން ބައެއް މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ލަންކާގައި ޒުވާނުންގެ މަރުކަޒު އަޅައި ނިމިފައިވާ ކަމަށާއި މާދާމާ ނުވަތަ މި މަހުގެ 17 ވަނަ ދުވަހު އެ މަރުކަޒު ހުޅުވާނެ ކަމަށެވެ.
"އަވެއްޓެރި ސްރީލަންކާގައި ތިއްބަވާ ޒުވާނުނަށް ވެސް އިތުރު ފުރުސަތުތައް ފަހިކޮށްދީ ޒުވާނުން ބާރުވެރި ކުރުވުމަށް ޓަކައި އަޅުގަނޑު އުފުލާ އެކު ފާހަގަކުރަނީ މި ހަފްތާގެ ތެރޭގައި މި މަހު 15 ވަނަ ދުވަހު ނުވަތަ 17 ވަނަ ދުވަހު ސްރީލަންކާގައި ގާއިމުކޮށްފައިވާ ޒުވާނުންގެ މަރުކަޒު ހުޅުވާނެ ކަން،" މިނިސްޓަރު ވިދާޅުވި އެވެ.
ހަމައެހެންމެ ރާއްޖޭގެ ހުރިހާ ޒުވާނުންގެ މަރުކަޒަކަށް ބޭނުންވާ ސާމާނު މި އަހަރު ހަމަކޮށްދޭނެ ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.
"އަޅުގަނޑުމެން ސަރުކާރުން މަސައްކަތް މިކުރަނީ ހުރިހާ ޒުވާނުންގެ މަރުކަޒުތަކަށް ބޭނުންވާ ސާމާނު ހަމަކުރުމަށް ޓަކައި. އެގޮތުން އަޅުގަނޑުމެން މި އަހަރު ނިމުމުގެ ކުރިން ހުރިހާ ޔޫތު ސެންޓަރުތަކަށް ބޭނުންވާ ބިލިޔާޑް، ޗެސް، ކެރަމް، މި ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ހަމަކުރާނެކަން އަޅުގަނޑު ފާހަގަކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެސްޓިއޯ އާއި އެމްއެންޑީއެފް އިން ފުވައްމުލަކުގައި ގާއިމުކޮށްފައިވާ ފުޓްސަލް ދަނޑު މި ހަފްތާގައި ހުޅުވާނެ ކަމަށާއި އައްޑޫ ސިޓީ ފޭދޫގައި ފޫޓްސަލް ދަނޑު ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ހުޅުވާނެ ކަމަށެވެ.
އޭގެ އިތުރުން ހުޅުމާލެގައި ޒުވާން ފެތުންތެރިނަށް އަމާޒުކޮށްގެން ހުޅުމާލެގައި ސުވިމިން ޕޫލެއް އެޅުމުގެ މަސައްކަތް މިއަހަރު ފެށުމަށް ހަމަ ޖެހިފައިވާކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.