14 Jul 2014, 12:31
ގދ. ގައްދޫގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ގާއިމުކުރާ ފެން ޕްލާންޓްގެ ތާނގީއެއް ބަހައްޓާ ސަރަހައްދުން ބިންގަނޑު ކޮނުމުގެ ތެރެއިން 16 ގަބުރު ފެނިއްޖެ އެވެ.
ގައްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަހުމަދު މިއަދު ސަން އަށް ވިދާޅުވީ އެ ރަށުގައި ސަރުކާރުގެ ފަރާތުން ގާއިމުކުރާ ފެން ޕްލާންޓްގެ ފެންތާނގިއެއް ބަހައްޓާ ސަރަހައްދުން 60 ފޫޓާއި 22 ފޫޓުގެ ސަރަހައްދެއް ކޮންނަން ނިންމާފައިވާ އިރު، މިހާރު ކޮނުނު ސަރަހައްދުން ކުޑަކުދިންގެ ފަސް ގަބުރާއި ބޮޑަތި މީހުންގެ 11 ގަބުރު ފެނިފައިވާ ކަމަށެވެ. އަދި ބާކީ ނުކޮނެ އޮތް ސަރަހައްދުން އިތުރު ދެ ގަބުރު ފެނިދާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުރީގައި ތާނގި ހަދަން އުޅުނީ އިންޖީނުގެ ހުރި ތަނުގައި. އެކަމަކު އެތަނުން ވެސް ގަބުރު ފެނިގެން ދެން ދެއްކި ބިންތައް ފެންޕްލާންޓްގެ ތާނގި އަޅާކަށް ކަމަކު ނުދިޔަ. އެހެންވީމާ ދެން ދެއްކީ މިހާރު ގަބުރުތައް ފެނިގެން އުޅޭ ސަރަހައްދު. އެއީ ސިއްހީ މަރުކަޒާއި ގަބުރު ފެނިގެން ކުރިން ވެސް ބަންދުކޮށްފައިވާ މިސްކިތަކާ ދެމެދު އޮތް ސަރަހައްދު،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ސަރަހައްދުގައި މަސައްކަތް ފެށުމުގެ ކުރިން ވެސް އެ ސަރަހައްދަކީ މީގެ ކުރިން ގަބުރު ވަޅުލާފައިވާ ސަރަހައްދެއް ކަމަށް ބެލެވޭކަމަށް މައުލޫމާތު ދީފައިވާ ކަމަށާއި އިސްލާމިކް މިނިސްޓްރީގެ ލަފާގެ މަތިން ގަބުރުތައް ނަގާ ސަހަރާގައި ވަޅުލުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.