14 Jul 2014, 12:15
ހައްޖު ކޯޕަރޭޝަންގެ ފަރާތުން އުމްރާ އަށް ގެންދާ 50 މީހުން މިއަދު ފުރައިފި އެވެ.
ހައްޖު ކޯޕަރޭޝަންގެ ފަރާތުން މައުލޫމާތު ދެއްވި ޑރ. އައިޝަތު މުނީޒާ މިއަދު ސަން އަށް ވިދާޅުވީ އެ ކޯޕަރޭޝަނުގެ ފަރާތުން މި ރޯދަ މަހު އުމްރާއަށް ގެންދިއުމަށް ހަމަޖެހިފައިވާ 50 މީހުން ސްރީލަންކަންގެ ފްލައިޓަކުން މިއަދު ހެނދުނު 9:20ގައި ފުރާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ 16 އަންހެނުންނާއި 34 ފިރިހެނުން ނެވެ. ތިރީސް ހަތަރު ފިރިހެނުންގެ ތެރެއިން ހަތް މީހުންނަކީ އެހީތެރިން ކަމަށް ވެސް މުނީޒާ ވިދާޅުވި އެވެ.
ހައްޖު ކޯޕަރޭޝަނުން އުމްރާއަށް މީހަކު ގެންގޮސްފައި ވަނީ 34،850 ރުފިޔާގެ ޕެކޭޖެއްގެ ތެރެއިންނެވެ.
"އެ ޕެކޭޖަކީ އެންމެ އަގުހެޔޮ ޕެކޭޖް މިފަހަރު އުމްރާ އަށް ގެންދާ. އެހެން ގުރޫޕްތަކުން ނަގާހެން އަޅުގަނޑުމެން ވިސާ އަކަށް ވެސް ފައިސާ އެއް ނުނަގަން،" މުނީޒާ ވިދާޅުވި އެވެ.
ހައްޖު ކޯޕަރޭޝަނުން އުމްރާ އަށް ދިޔަ ފަރާތްތަކުން ތިބުމަށް ހަމަޖެހިފައި ވަނީ މައްކާގެ ބަރަކާ ހޮޓަލުގަ އެވެ. މުނީޒާ ވިދާޅުވީ އެ ހޮޓަލުން ހިނގާލާފައި ފަސް މިނެޓް ތެރޭ ކައުބާ އަށް ދެވޭނެ ކަމަށެވެ.
އަދި އުމްރާގެ އަޅުކަން ނިމުމުން މަދީނާގައި ދެ ދުވަސް ތިބުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ދުވަސްތަކުގައި ތަންތަން ބަލާލަން ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ ކޯޕަރޭޝަނުން އުމްރާ އަށް ގެންދިޔަ ފަރާތްތައް މާލެ އައުމަށް ސައުދީން ފުރާނީ މި މަހު 28 ވަނަ ދުވަހު އެވެ. އަދި މާލެ އައުމަށް ހަމަޖެހިފައި ވަނީ 29 ވަނަ ދުވަހު އެވެ.