14 Jul 2014, 11:53
ހ. މާލޭތިލައިގަ ހުންނަ ސަން ޓްރެވަލްގެ ސެކިއުރިޓީ ގާޑަށް ވަޅިން ބިރު ދައްކައި ބަނުމަށް ފަހު ސަން ޓްރެވަލްގެ ފަސް ތިޖޫރީއެއް ފަޅާލައި ގިނަ އަދަދެއްގެ ރުފިޔާ ވަގަށް ނަގައިފި ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ރޭ ފަތިހު 5:45 އެހާކަންހާއިރު ހ. މާލޭތިލައިގެ ހަތަރު ވަނަ ފަންގިފިލާގައި ހުންނަ ސަން ޓްރެވަލްގެ އޮފީހުގެ ކުޑަ ދޮރެއް ހަލާކު ކޮށްލައި އެތަނަށް ވަދެފައި ވަނީ ހަދަމުންދާ އިމާރާތަކަށް އަރައިގެން ކަމަށް ބެލެވޭ ކަމަށެވެ.
މި ހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި ކުޑަ ދޮރެއް ހަލާކު ކޮށްލައިގެން ހަތަރު ވަނަ ފަންގި ފިލާއަށް އެމީހުން ވަނުމަށް ފަހު އެ އިމާރާތުގައި ހުންނަ ސަން ޓްރެވަލްގެ އިތުރު ތިން ފަންގި ފިލާއަކަށް ވަދެ ވައްކަން ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ އޮފީހުގެ ފަސް ތިޖޫރީއެއް ފަޅާލައި 172000 އަށް ވުރެ ގިނަ ދިވެހި ރުފިޔާ އާއި 2500 އަށް ވުރެ ގިނަ ޑޮލަރު ވަގަށް ނަގާފައިވާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.
ފުލުހުން ބުނީ ވައްކަން ކުރަން ވަތް މީހުން އެ އިމާރާތަށްވަދެ އެތަނުގެ ސެކިއުރިޓީ ގާޑަށް ވަޅިން ބިރު ދެއްކުމަށް ފަހު ސެކިއުރިޓީ ގާޑްގެ އަތުގައި ކްލިޕް އަޅުވާފައިވާ ކަމަށެވެ. އަދި އެ އޮފީހުގެ ތެރެއިން ވަޅިއަކާއި ވައްކަން ކުރުމަށް ބޭނުން ކުރެވޭނެ ބައެއް އާލާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެމައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.