އިޒްރޭލުން ގާޒާ އަށް ދެމުންދާ ވައިގެ ހަމަލާތައް ވަގުތުން ހުއްޓާލައި ފަލަސްތީނާ އެކު ސުލްހައިގެ މަޝްވަރާތައް އަލުން ފެށުމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ގޮވާލައްވައިފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިޒްރޭލާއި ފަލަސްތީނާ ދެމެދު 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވެފައިވާ އެއްބަސްވުމަށް އަނބުރާ އިއާދަވުމަށް ގޮވާލައްވާ ކަމަށާއި އދ. އިން ނެރުނު ބަޔާނަށް މިނިސްޓަރު މަރުހަބާ ވިދާޅުވާ ކަމަށެވެ.

އޭގެ އިތުރުން އެ މިނިސްޓްރީން ބުނެފައި ވަނީ ބައިނަލްއަގުވާމީ މުޖުތަމައު އިން ކުރަމުންދާ އިލްތިމާސްތަކަށް އިޖާބަދީ "އިންޓަނޭޝަނަލް ހިއުމަނިޓޭރިއަން ލޯ" އިހްތިރާމް ކުރުމަށް އިލްރޭލްގެ ސަރުކާރަށް ރާއްޖެ އިން ގޮވާލާ ކަމަށެވެ.

"ފަލަސްތީނާ ދެކޮޅަށް މިހާރު އިޒްރޭލުން ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ޓަކައި އދ.ގެ ޗާޓާރުގައި އދ.ގެ ސަލާމަތާ ބެހޭ މަޖިލީހަށް ލިބިދީފައިވާ ގާނޫނީ ބާރުގެ ބޭނުން ފުރިހަމައަށް ހިފައި، މިހާރަށް ވުރެ ބާރުހުރި ނިންމުންތައް ސަލާމަތީ މަޖިލީހުން ނިންމަން ޖެހޭ ކަމަށް ދިވެހި ރާއްޖެ އިން ގަބޫލުކުރާކަމަށް ވެސް މިނިސްޓަރު ދުންޔާ ވިދާޅުވި އެވެ." ފޮރިން މިނިސްޓްރީން ނެރުނު ނޫސް ބަޔާނުގައިވެ އެވެ.