14 Jul 2014, 11:23
ޓެލްއަވީވް (ޖުލައި 14): ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންގެންދާ އުދުވާނާއި މީހުން މެރުމުގެ ޖަރީމާތައް ހުއްޓާނުލައްވާނެ ކަމަށް އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ސީބީއެސް ޓީވީ ނެޓްވާކަށް ދެއްވި ބަސްދީ ގަތުމެއްގައި ނަތަނިޔާހޫ ވިދާޅުވީ ޣައްޒާއަށް އިސްރާއީލުން ހަމަލާ ދެނީ ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިސްރާއީލަށް ދޭ ރޮކެޓް ތައް ހުއްޓުވުމުގެ ބޭނުމުގައި ކަމަށާ އެކަން ކުރެވެންދެން ޙަމަލާތައް ކުރިޔަށް ގެންދާނެ ކަމުގަ އެވެ. ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންގެންދާ އުދުވާނާއި މީހުން މެރުމުގެ ޖަރީމާތައް ހުއްޓާނުލައްވާނެ ކަމަށް ވިދާޅުވެ ހަރުކަށިކަން ކުރިޔަށް ނެރުއްވައި ނަތިނިޔާހޫ ވާހަކަ ދައްކަވާފައި މިވަނީ ޙަމަލާތައް ހުއްޓާލުމަށް އދ.ގެ ސަލާމަތީ މަޖިލީހުން ގޮވާލާފައިވަނިކޮށެވެ. އިސްރާއީލުގެ ހަރުކަށި ވެރިންނަކީ އދ.ގެ ގަރާރުތަކަށް ބޯނުލެނބުމާއި ނުކިޔަމަންތެރިކަން ދެއްކުމާއި ސްޓޭޓް ޓެރަރިޒަމްގެ އަމަލުތަކާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގުމުގެ ދިގު ތާރީޚެއް އޮންނަ ބައެކެވެ.
ނަތަނިޔާހޫ ވަނީ ޙަމާސްއިން ފަލަސްތީނު ރައްޔިތުންގެ ދިފާޢުގައި އިސްރާއީލާ ދެކޮޅަށް ދޭ ވަރަށް އާދައިގެ ރޮކެޓް ހަމަލާތަކާއި އެމެރިކާގައި އުފައްދާ އެންމެ ޒަމާނީ ހަތިޔާރުތައް ބޭނުންކޮށްގެން ފަލަސްތީނުގެ އާންމުން ދިރިއުޅޭ ގެތަކަށް އިސްރާއީލުން ދޭ ގަދަފަދަ ޙަމަލާތަކާ އެއްވަރުވާކަމަށް ވިދާޅުވެ ހަގީގަތް އޮޅުވާލައްވައި ވާހަކަ ދައްކަވާފަ އެވެ. ޙަމާސްއިން އިސްރާއީލަށް ދޭ ރޮކެޓް ހަމަލާތަކުގައި ފާއިތުވި ހަ ދުވަހުގެ ތެރޭގައި އިސްރާއީލުގެ އެންމެ މީހަކު މަރުވެފައިވާ އިރު އިސްރާއީލުގެ ޙަމަލާތަކުގައި ފަލަސްތީނުގެ 170 މީހުން މަރުވެ ބާރަސަތޭކައަށް ވުރެ ގިނަމީހުން ޒަޚަމްވެ ޣައްޒާގެ ބޮޑުބައެއް ސުންނާފަތިވެފައިވެ އެވެ.
ޙަމާސް ޖަމާއަތުން އިސްރާއީލަށް ރޮކެޓް ޙަމަލާދެނީ އިސްރާއީލުން ފަލަސްތީނުގެ ހުރިހާ ބިންތަކެއް ހިފައިގެން އޮތުމާ އެކު ސުލްހައިގެ ވާހަކަތައް ދައްކައިގެން ވެސް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް އިސްރާއީލުން ދެކޮޅުހެދުމުގެ ސަބަބުންނެވެ. ނަތަނިޔާހޫގެ ވާހަކާގައި އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފައިގެން ފަލަސްތީނުގެ ރައްޔިތުން އަޅުވެތިކޮށްގެން ފަލަސްތީނުގެ ބިންތަކުގައި އިތުރު ޔަހޫދީން ވަޒަންވެރިކުރުވަމުން ގެންދާ މައްސަލައަށް ކުޑަކޮށް ވެސް އިޝާރާތެއް ކުރައްވާފައެއްނުވެ އެވެ.
އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންގެންދާ އުދުވާނާއި މީހުން މެރުމުގެ ޖަރީމާތަކާއި ގަތްލު އާންމުތައް ދިފާޢުކުރައްވައި ނަތަނިޔާހޫ ވާހަކަ ދައްކަވާފައިވާ އިރު އިސްރާއީލުން އިއްޔެ ވެސް ވަނީ ޣައްޒާގެ އުތުރުގައިވާ ފަލަސްތީނުގެ ގެއަކަށް ހަމަލާދީ އެއްއާއިލާއަކުން 18 މީހުން ޝަހީދުކޮށްލާފަ އެވެ. އަދި އިސްރާއީލު ސިފައިން، ޣައްޒާގެ އުތުރުގެ ސަރަހައްދުތަކަށް އެއްގަމުމަގުން އަރައިގަންނާނެ ކަމުގެ އިންޒާރު ދިނުމާގުޅިގެން ފަލަސްތީނުގެ އެތައް ހާސް ބަޔަކު ވަނީ އަމިއްލަ ގެދޮރު ދޫކޮށް ރެފިއުޖީންގެ ގޮތުގައި އެސަރަހައްދުން ނުކުންނަން ފަށާފަ އެވެ.
އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ދެމުންގެންދާ އުދުވާނީ ޙަމަލާތަކުގެ އެއްއަމާޒަކީ ފަލަސްތީނުގެ ޙަމާސް ޖަމާއަތާއި ފަތްހު ޖަމާއަތް ގުޅިގެން އުފައްދާފައިވާ ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރު ވައްޓާލުން ކަމަށް މުހައްލިލުން ދެކެ އެވެ. އިސްރާއީލުން ޣައްޒާއަށް ކިތަންމެ ވަރަކަށް ޙަމަލާދީ އާންމުން މަރަމުން ގެންދިޔަ ނަމަވެސް ފަލަސްތީނުގެ ބިންތަކުން އިސްރާއީލު ނުފައިބާ ހިނދަކު ހަމާސްއިން އިސްރާއީލަށް ދޭ ރޮކެޓް ހަމަލާތައް އިސްރާއީލަށް ދާއިމީ ގޮތަކަށް ނުހުއްޓުވޭނެ ކަމަށް ޢަސްކަރީ ތަޖްރިބާކާރުން ދެކެ އެވެ. (އަލްޖަޒީރާ)