14 Jul 2014, 11:19
ވޯލްޑް ކަޕުގައި ދެއްކި މޮޅު ކުޅުމުން މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑު ފްރާންސްގެ ޕޯލް ޕޮގްބާއަށް ލިބިއްޖެ އެވެ.
ޔުވެންޓަސް އަށް ކުޅޭ ޕޮގްބާ ވަނީ ރޭ ނިމިގެން ދިޔަ މި މުބާރާތުގައި ފްރާންސްއަށް ވަރަށް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ފްރާންސް ކުޅުނު ހުރިހާ މެޗެއްގައި ޕޮގްބާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު، ގަދަ 16ގައި ނައިޖީރިއާ އާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ.
މި މުބާރާތުގައި ފްރާންސް އަށް އުމުރުން 21 އަހަރުގެ މިޑްފީލްޑަރު ޕޮގްބާ ފަސް މެޗު ކުޅުނު އިރު، އޭނާ ވަނީ އެއް ލަނޑު ކާމިޔާބުކޮށް، ލނަޑެއް ކާމިޔާބުކޮށްދިނުމަށް މަގުފަހިކޮށްދީފަ އެވެ. އޭނާގެ ފަރާތުން ފެނުނު ހަމައެކަނި ލަނޑަކީ އެފްރިކާގެ ޗެމްޕިއަން ނައިޖީރިއާ އާ ދެކޮޅަށް ކުޅުނު މެޗުގައި ފެނުނު ލަނޑެވެ.
ޕޮގްބާއަށް މި އެވޯޑް ލިބުނީ އޭނާގެ އަމިއްލަ ޓީމުގެ ޑިފެންޑަރު ރަފައެލް ވަރާން އަދި ނެދަލެންޑްސްގެ މިޑްފީލްޑަރު މެމްފިސް ޑެޕާއީ އާ ވާދަކޮށްގެންނެވެ. މި މުބާރާތުގައި ފްރާންސްއަށް ވަރާން ކުޅުނު ފަސް މެޗުގައި އޭނާގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔަ އިރު، ނެދަލެންޑްސްއަށް ޑެޕާއީ ކުޅުނު ހަތަރު މެޗުން އޭނާ ވަނީ ދެ ލަނޑު ކާމިޔާބުކޮށް، އިތުރު ލަނޑެއް ކާމިޔާބުކޮށްދިނުމަށް މަގުފަހިކޮށްދީފަ އެވެ.
މި އަހަރުގެ ވޯލްޑް ކަޕުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑަށް ނޮމިނޭޓް ވެފައި ވަނީ 1 ޖެނުއަރީ 1993 ވަނަ ދުވަހު ނުވަތަ އެ ތާރީހަށްވުރެ ކުރިން އުފަންވެފައިވާ ކުޅުންތެރިންނެވެ.