ވޯލްޑް ކަޕުގައި އާޖެންޓީނާއަށް މޮޅު ކުޅުމެއް ދެއްކި އެޓީމުގެ ކެޕްޓަން ލިއޮނެލް މެސީއަށް މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ "ގޯލްޑަން ބޯލް" ލިބިއްޖެ އެވެ.

ބާސެލޯނާއަށް ކުޅޭ މެސީއަށް ގޯލްޑަން ގްލޯވް ލިބުނު ނަމަވެސް، ވޯލްޑް ކަޕު ތަށީގައި އޭނާ އަށް އަތް ޖައްސާލެވިފައެއް ނުވެ އެވެ. މެސީގެ އާޖެންޓީނާއަށް ވޯލްޑް ކަޕު ކާމިޔާބު ނުކުރެވުނީ، މުބާރާތުގެ ފައިނަލުގެ އިތުރު ވަގުތުގައި ރޭ ޖަރުމަނު އަތުން 1-0 ބަލިވުމުންނެވެ.

ވޯލްޑް ކަޕުގައި އާޖެންޓީނާ އަށް މެސީ ކާމިޔާބުކޮށްދިން ހަތަރު ލަނޑާ އެކު، ގޯލްޑަން ބޯލް ލިބުނު އިރު، މި މުބާރާތުގެ ދެވަނަ އަށް އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ "ސިލްވާ ބޯލް" ލިބުނީ ވޯލްޑް ކަޕު 2010ގެ ރަން ބޫޓު ހޯދި ޖަރުމަނުގެ ތޯމަސް މުލާއަށެވެ. އޭނާ ވަނީ މި މުބާރާތުގައި ޖަރުމަނަށް ފަސް ލަނޑު ކާމިޔާބުކޮށްދީފަ އެވެ.

މުބާރާތުގައި ތިންވަނަ އަށް އެންމެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔާ އަށް ދޭ "ބްރޮންޒް ބޯލް" ލިބުނީ ނެދަލެންޑްސްގެ އާޔެން ރޮބެންއަށެވެ. އޭނާ ވަނީ ވޯލްޑް ކަޕުގައި ނެދަލެންޑްސް އަށް ތިން ލަނޑު ކާމިޔާބުކޮށްދީފަ އެވެ.

މެސީއަކީ ވޯލްޑް ކަޕުގެ ތާރީހުގައި އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދި އާޖެންޓީނާގެ ތިން ވަނަ ކުޅުންތެރިޔާ އެވެ. ވޯލްޑް ކަޕު 1986ގެ މޮޅު ކުޅުންތެރިޔާގެ މަގާމު އާޖެންޓީނާގެ ޑިއޭގޯ މަރަޑޯނާ ހޯދ އިރު، ވޯލްޑް ކަޕު 1978ގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އާޖެންޓީނާގެ މާރިއޯ ކެމްޕެސް އެވެ.