14 Jul 2014, 11:17
ވޯލްޑް ކަޕުގެ އެންމެ މޮޅު ގޯލްކީޕަރަށް ދޭ "ގޯލްޑަން ގްލޯވް"، ޖަރުމަނުގެ ގޯލްކީޕަރު މަނުއެލް ނޯޔާއަށް ލިބިއްޖެ އެވެ.
މި މުބާރާތުގައި ނޯޔާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު، ފައިނަލުގައި އާޖެންޓީނާ އަތުން 1-0 ލަނޑުން މޮޅުވެ، ޖަރުމަނުން ޗެމްޕިއަންކަން ހޯދި މެޗުގައި ވެސް އޭނާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ އެވެ.
"ވަރަށް ގަބޫލުކުރަން ދަތި،" މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ނޯޔާ ބުންޏެވެ. "ޓީމުން ވަރަށް ރަނގަޅު ކުޅުމެއް ދެއްކި. އެއީ ހަމައެކަނި ޓީމުގެ ކުޅުންތެރިންނެއް ނޫން. އެއީ ޓީމުގެ ފަހަތުގައި އޮތް ޓީމު ވެސް ހިމެނޭ. ކޮންމެވެސް ހިސާބަކުން އަހަރެމެން އުފާފާޅުކުރުން ހުއްޓާލާނަން. އެއަށް ފަހު ހިނިތުންވުމަކާ އެކު އަލުން އަހަރެމެން ތެދުވާނަން."
ނޯޔާ އަށް މި އެވޯޑް ލިބިފައި ވަނީ ކޮސްޓަރިކާގެ ގޯލު ކީޕަރު ކޭލާ ނަވާސް އަދި އާޖެންޓީނާގެ ސާޖިއޯ ރޮމޭރޯއާ ވާދަކޮށްގެންނެވެ.