14 Jul 2014, 11:14
ވޯލްޑް ކަޕުގެ ފައިނަލުގައި ލިބިގެންދިޔަ ހިތްދަތިކަން ދުވަހަކުވެސް ހިތުން ފިލައިގެން ނުދާނެ ކަމަށް އާޖެންޓީނާގެ މިޑްފީލްޑަރު ހާވިއާ މަޝަރާނޯ ބުނެފި އެވެ.
ބްރެޒިލްގައި ރޭ ނިމިގެންދިޔަ މުބާރާތުގައި އާޖެންޓީނާ އަށް ތަށި ގެއްލިގެން ދިޔައީ ވޯލްޑް ކަޕު ފައިނަލުގައި ޖަރުމަނު އަތުން 1-0 ލަނޑުން ބަލިވުމުންނެވެ. ޖަރުމަނުން ޖެހި ހަމައެކަނި ލަނޑު، މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށް ދިނީ ބަދަލު ކުޅުންތެރިޔާ މާރިއޯ ގޮޓްޒޭ އެވެ.
"މިއީ ލިބުނު ވަރަށް ބޮޑު ހިތްދަތިކަމެއް،" މަޝަރާނޯ ބުންޏެވެ. "އަހަރެމެންނަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރިން. އަހަރެމެންނަށް މުބާރާތް ކާމިޔާބު ނުކުރެވުމުން އެކަމަށް ސަޕޯޓަރުންގެ ކިބައިން މައާފަށް އެދެން. މިއީ ހިތުން ފިލައިގެންދާނެ ހިތާމައެއް ނޫން."
މި ބައްޔާ އެކު ވޯލްޑް ކަޕުގެ ތައްޓެއް ހޯދުމަށް ދިގު އިންތިޒާރީތަކެއް ކުރަމުން ދިޔަ އާޖެންޓީނާ އަށް ވަނީ އަނެއްކާ ވެސް އިންތިޒާރެއް ކުރަން ޖެހޭނެ އެވެ. އެންމެ ފަހުން އާޖެންޓީނާ އަށް ވޯލްޑް ކަޕެއް ހޯދުނީ އެޓީމުގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާ ކުޅުނު ޒަމާނުގަ އެވެ. މިހާރު އޭގެ ފަހުން އާޖެންޓީނާ އަށް ވޯލްޑް ކަޕެއް ކާމިޔާބު ނުކުރެވޭތާ 28 އަހަރު ވެއްޖެ އެވެ.