14 Jul 2014, 11:10
ޓީޗަރުންނަކީ ގައުމު ބިނާކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ މީހުނެވެ. މާދަމާގެ ޖީލަކީ ތައުލީމީ ޖީލަކަށް ހެދުމުގެ މައްސޫލިއްޔަތު އަދާކުރުމުގެ ބޮޑު ޒިންމާ މުދައްރިސުން އުފުލަމުންދަނީ އެންމެންގެ ލޯމަތީގަ އެވެ. ނަމަވެސް ސުވާލަކީ ޓީޗަރުންނަށް އެމީހުނަށް ހައްގުވާ މުސާރަ އާއި އިނާޔަތްތައް ލިބޭތޯ އެވެ. ކިޔަވައިގެން ނިކުންނަ ޓީޗަރުން އަމަލީ މައިދާނުގައި ކުޑަ ދުވަސްކޮޅަކު އުޅެލާފައި ދަނީ ކީއްވެތޯ އެވެ.
މުސާރަ އާއި އިނާޔަތްތަކަށް ބަލާ އިރު ޓީޗަރުނަށްދޭ މުސާރަ އާއި އިނާޔަތްތަކަކީ އެންމެ އެކަށީގެންވާ ވަރުކަމަށް ގިނަ ޓީޗަރުން ގަބޫލެއް ނުކުރެ އެވެ. އެމީހުން ވަނީ ކިޔަވައި ދިނުމުގެ ދާއިރާގައި ހުރި މައްސަލަތައް ހައްލުކޮށްދިނުމަށާއި އެމީހުނަށް އެކަށީގެންވާ މުސާރައެއް ދިނުމަށް އެދި އިހްތިޖާޖު ވެސް ކޮށްފަ އެވެ. މިދިޔަ އޭޕްރީލް މަހު ހަ ވަނަ ދުވަހު ގިނަ ޓީޗަރުން ކަޅު ހެދުމުގައި ކިޔަވަދޭން ނިކުމެ އެ ކަމުގެ އިހްތިޖާޖު ވަނީކޮށްފަ އެވެ. އެމީހުންގެ ކަންބޮޑުވުންތަކެއް ހުރިކަން ވަނީ ރީތި ގޮތުގައި ބުނެދީފަ އެވެ. ނަމަވެސް އޭގެ ފަހުން މިހާތަނަށް ވެސް އޭގެ ބަދަލެއް އައިސްފައިނުވެ އެވެ.
ޓީޗަރުންގެ އިހްތިޖާޖަށް ފަހު މިދިޔަ މެއި މަހުގެ އަތޮޅުތަކުގެ ސްކޫލްތަކުގެ އިސްވެރީންނާ ބައްދަލުކުރައްވައި ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވަނީ، ޓީޗަރުންގެ މުސާރަ ބޮޑު ކޮށްދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންފަ އެވެ. އޭގެ ފަހުން، ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ވިދާޅުވެފައި ވަނީ، ރާއްޖޭގައި މަސައްކަތް ކުރާ ޓީޗަރުންގެ ހައްގުގައި ހަދަމުންދާ ޓީޗަރުންގެ އޮނިގަނޑުގެ 90 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެހެން ކަމުން ޓީޗަރުނަށް ދެމުންދާ މުސާރައަކީ އެހެނިހެން ވަޒީފާތަކަށް ބަލާ އިރު އެންމެ އެކަށީގެންވާވަރުގެ މުސާރައެއް ނޫން ކަމަށް ސަރުކާރުން ގަބޫލުކުރާކަން އިނގެ އެވެ.
ނަމަވެސް އޭގެ އަމަލީ ސިފަ އައުން ލަސްވުމާ މެދު ޓީޗާސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ވެސް ފާހަގަކުރެ އެވެ. އެ ޖަމިއްޔާގެ ރައީސް އާތިފް އަބްދުލްހަކީމް ވިދާޅުވީ ޓީޗަރުންގެ ކަންބޮޑުވުންތަކާ މެދު މަޝްވަރާކުރުމަށް ނައިބު ރައީސް ޑރ. ޖަމީލާ ބައްދަލު ކުރުމަށް އެކި ފަހަރުގެ މަތިން އެދުނު ނަމަވެސް އެފުރުސަތު މިހާތަނަށް ލިބިފައިނުވާ ކަމަށެވެ. އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާޝިއަތު ޝިހާމް އާ ބައްދަލު ކުރެއްވުން ވެސް އެ ޖަމިއްޔާ އަށް ވަނީ ދަތިވެފައި ކަމަށް އާތިފް ވިދާޅުވި އެވެ.
އާތިފް ވިދާޅުވީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރުމަށް ކިޔައިވައިގެން އަންނަ މީހުން އެނބުރި އެހެން ވަޒީފާތަކަށް ދަނީ ކުރާ މަސައްކަތާއި މުސާރަ އާއި ނުބައްދަލުވީމާ ކަމަށެވެ.
"ޕްރިންސިޕަލުން މިހާރު އެހެން ވަޒީފާތަކަށް ބަދަލުވަމުން އެދަނީ އެމީހުނަށް ލިބޭ މުސާރަ ކުޑަވީމާ. ޑިގްރީ ފެންވަރު ޓީޗަރުނާ އެއްވަރު މުސާރަ ލިބޭ އޯލެވެލް ނިންމައިގެން ކައުންޓަރުތަކުގައި ތިބޭ ކުދިނަށް. އަދި ސިއްހީ ދައިރާގައި މަސައްކަތްކުރާ އާދައިގެން މުވައްޒަފުނަށް 12000 ވަރު ގެންދަން ލިބޭ އިރު ޑިގްރީއަށް ކިޔަވައިގެން ތިބި ކުދިނަށް މި ލިބޭނީ އެއަށްވުރެ ކުޑަ މުސާރަ އެއް،" އާތިފް ވިދާޅުވި އެވެ.
ޕްރިންސިޕަލުން ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ އިރު ލިބޭ މުސާރަ ކުޑަވެގެން ބައެއް ޕްރިންސިޕަލުން މިނިވަން މުވައްސާތަކަށް ވަނީ ކުރިމަތިލައްވަން ފައްޓަވައިފަ އެވެ. އަދި އެހެންމެ ގިނަ ދުވަސްތަކެއް ވަންދެން ތައުލީމީ ދާއިރާގައި މަސައްކަތް ކުރެއްވި ބައެއް ބޭފުޅުން ވަނީ ޓޫރިޒަމްގެ ދާއިރާ އަށް ވެސް ބަދަލުވެވަޑައިގެންފަ އެވެ.
ޓީޗަރުން މުސާރަ ބޮޑުކުރުމަށް އެދެމުންދާ އިރު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވީ ޖުމްލަ ގޮތެއްގައި ހުރިހާ ތަނެއްގެ މުސާރަތައް ވެސް މުރާޖާކޮށް އެއް ހަމައަކަށް ގެނައުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ހާއްސަކޮށް ޓީޗަރުންގެ މުސާރަ އިތުރަށް މުރާޖާ ކުރެއްވުމުގެ މަސައްކަތް ސަރުކާރު ކުރައްވަމުންދާ ކަމަށާއި ނަމަވެސް މި އަހަރު މުސާރަ ބޮޑު ވެދާނެ ކަމަށް ވިދާޅުވުމަށް ދަތި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ޓީޗަރުންގެ ޖަމިއްޔާ އިން ގެންދަނީ ޓީޗަރުންގެ މުސާރަ ބޮޑު ބޮޑު ކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތުގެ ބައެއްގެ ގޮތުން ނައިބު ރައީސް ޑރ. ޖަމީލާ ބައްދަލު ކުރުމަށް ރައީސް އޮފީހަށް ދިއުމަށް އެ ޖަމިއްޔާ އިން ދަނީ ރާވަމުންނެވެ. އިހްތިތާޖެއްްގެ ގޮތުގައެއް ނޫނެވެ. ނަމަވެސް އެ މައްސަލަ އަށް ހައްލު ނައިސް ދިިގުލާ ނަމަ އެކަމުގެ މިސްރާބު ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ.
ޓީޗަރުނަށް ލިބޭ މުސާރައިން އާއިލާއެއް ބެލެެހެއްޓުމަކީ ދަތި ކަމެއް ކަމަށް ގިނަ ޓީޗަރުން ފާހަގަ ކުރާ ނުކުތާއަށް ރިއާޔަތް ކުރަން ޖެހެ އެވެ. ޕްރިން ސިޕަލުން ލިބުމުގައި ދަތިތަކާއި ކުރިމަތިވެފައި ވަނީ ކޮން ސަބަބަކާތޯ އިތުރަށް ބަލަން ޖެހެ އެވެ.