މިނިސްޓަރ އޮފް ހެލްތުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޢައްޔަނު ‏‏ކުރައްވާފައިވާ، ގ. މަނާމް، ޑރ. މަރިޔަމް ޝަކީލާ އަށް ރުހުން ހޯދުމުގެ މައްސަލަ ކޮމެޓީ އަށް މިއަދު ފޮނުވައިފި އެވެ.

ޑރ. ޝަކީލާ އަށް ރުހުން ހޯދުމުގެ މައްސަލަ ފޮނުވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރު މަސްއޫލީއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށެވެ.

ގާނޫނު އަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން ޑރ. ޝަކީލާ އަށް މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވާފައި ވަނީ މި މަހުގެ ހަ ވަނަ ދުވަހު އެވެ.

ޑރ. މަރިޔަމް ޝަކީލާ ހެލްތް މިނިސްޓަރު ކަމުގެ މަގާމަށް އައްޔަން ކޮށްފައިވަނީ މިނިސްޓްރީ އޮފް ހެލްތް އެންޑް ޖެންޑާގެ ނަން މިނިސްޓްރީ އޮފް ހެލްތް އަށް ބަދަލު ކުރެއްވުމަށް ފަހު މިމަހުގެ އެއް ވަނަ ދުވަހު އެވެ.

ޞިއްޙަތާއި، އިޖްތިމާޢީ ރައްކާތެރިކަމާ ބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުމުގެ ޒިންމާ އުފުލާ މިނިސްޓްރީ ޝަކީލާއާ ހަވާލު ކުރެއްވި އިރު، އަންހެނުންނާއި ކުޑަކުދިންނާ ގުޅޭ ގޮތުން ސަރުކާރަށް ހުށަހަޅާ މައްސަލަތައް ބެލުން އެ މިނިސްޓްރީގެ ދަށުން ވަނީ އުނިކޮށްފަ އެވެ.