14 Jul 2014, 10:28
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްތަކަށް ދިމާވި މައްސަލަ މިހާރު ހައްލުކުރެވިފައިވާ ކަމަށް އެ ބޭންކް އިން ބުނެފި އެވެ.
ރޭ އިރާކޮޅުން ފެށިގެން ރޭ ވަރަށް ދަންވަންދެން ވެސް މާލޭގައި ބަހައްޓާފައި ހުރި ބީއެމްއެލްގެ އޭޓީއެމްތަކުން ވަނީ ހިދުމަތް މެދު ކެނޑިފަ އެވެ. އެގޮތުން ގިނަ އޭޓީއެމްތަކުން ހިދުމަތް ދެވެން ނެތް ކަމަށް ސްކްރީނަށް އަރާފައިވެ އެވެ.
ރޭ ގިނަ ބަޔަކު ފައިސާނެގުމަށް އެ އޭޓީއެމްތައް ކައިރިއަށް ޖަމާވެފައިވެ އެވެ.
ސަން އެނގިފައިވާ ގޮތުގައި ދޭތެރެ ދޭތެރެއިން އޭޓީއެމްތަކަށް މައްސަލަތައް ދިމާވާތާ ދުވަސްކޮޅެއް ވަނީ ވެފަ އެވެ.
ބީއެމްއެލްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރޭ އޭޓީއެމްތަކަށް ދިމާވީ "ޓެކްނިކަލް" މައްސަލައެއް ކަމަށާއި އެ މައްސަލަ ހައްލުކޮށް މިހާރު ހިދުމަތް ދޭން ފެށިފައިވާ ކަމަށެވެ.