ޓްރިޕޮލީ (ޖުލައި 14): ލީބިޔާގެ އެންމެ ބޮޑު އެއަޕޯޓް ކަމަށްވާ ޓްރިޕޮލީ އިންޓަނޭޝަނަލް އެއަރޕޯޓް އަށް އަތްގަދަ ކުރުމަށްޓަކައި ލީބިޔާގެ ވާދަވެރި ޖަމާއަތްތަކުން ކުރަމުންގެންދާ ހަނގުރާމައިގާ އިއްޔެ 7 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެކަމަށް އެގައުމުން ބުނެފި އެވެ.

ލީބިޔާގެ ސިއްޙަތާބެހޭ ވުޒާރާ އިން ބުނީ ޓްރިޕޮލީ އިންޓަނޭޝަނަލް އެއަރޕޯޓް ކޮންޓްރޯލް ކުރަމުންދާ ޒިންތާން މިލީޝިޔާގެ އަތްދަށުން އެތަން އަތުލުމަށްޓަކައި އެޖަމާއަތާ ވާދަވެރި އެހެން ޖަމާއަތްތަކުން އެއަޕޯޓް ސަރަހައްދަށް މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ރޮކެޓާއި މޯޓަރުބަޑިން ވަރުގަދަ ޙަމަލާތަކެއް ދެމުންގެންދާ ކަމަށާ އެޙަމަލާތަކުގައި އިއްޔެ ހަތް މީހުން މަރުވެ 35 މީހުން ޒަޚަމްވެފައިވާ ކަމުގަ އެވެ. ހަނގުރާމަ ހިނގަމުންދަނީ އެއަރޕޯޓާއި ވެރިރަށް ޓްރިޕޮލީ ގުޅުވައިދޭ ހައިވޭއާއި އެއަރޕޯޓް ސަރަހައްދުގައި ކަމަށް ލީބިޔާގެ އަމަނާބެހޭ ފަރާތްތަކުން ބުނެ އެވެ.

ލީބިޔާގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި މިލީޝިޔާތަކަކީ އެގައުމުގެ ކުރީގެ ޒަޢީމް ކާނަލް މުއައްމަރުލްގައްޒާފީގެ ވެރިކަން ވައްޓާލުމުގައި އިސްކޮށް ހަރަކާތްތެރިވި ޖަމާއަތްތެކެވެ. ލީބިޔާގެ މިހާރުގެ ވެރިކަމުގެ ނިޒާމަކީ ވެސް މިޖަމާއަތްތައް ބައިވެރިވާ ވެރިކަމުގެ ނިޒާމެކެވެ. ލީބިޔާއަކީ ސޫރިޔާއާއި އިރަގާ ޚިލާފަށް ނަސްލީ އަދި މަޛްހަބީ ފަތާތުތަކެއްވެސްނެތް 99 އިންސައްތަ ސުންނީ މުސްލިމުންގެ ގައުމެކެވެ. ނަމަވެސް ވާދަވެރި މިޖަމާއަތްތަކަކީ ސަލަފީ ފިކުރާއި އިޚްވާނުލްމުސްލިމޫން ފިކުރުގެ ޖަމާއަތްތަކެވެ.

ލީބިޔާގެ ސަރުކާރާއި ޕާލަމެންޓާއި ވެރިކަމުގެ އެހެން އިދާރާތަކަކީ ވެސް މިޖަމާއަތްތައް ބައިވެރިވެ ގުޅިގެން އުފައްދާފައިވާ ވެރިކަމުގެ ނިޒާމެކެވެ. ނަމަވެސް ވެރިކަމުގެ ނިޒާމުގެ ތެރޭން ކޮންމެ ޖަމާއަތަކުން ވެސް ގެންދަނީ އެޖަމާއަތަކުން ބޭނުންވާ މަގްސަދްތަކެއް ހާސިލް ކުރުމަށް ޓަކައި ހަތިޔާރާ އެކު ހަރަކާތްތެރިވެ ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރަމުންނެވެ. މިކަމުގެ ސަބަބުން ލީބިޔާގެ އަމްނު އަމާންކަން ގެއްލި ގައުމުގެ ރައްޔިތުން ހަނާވެ އިންފްރާސްޓްރަކްޗާ ދަނީ ފުނޑުފުނޑުވަމުންނެވެ. އަދި ލިބިޔާގައި ނަމަކަށް ސަރުކާރެއް އޮތްނަމަވެސް ސަރުކާރުގެ ކޮންޓްރޯލްގެ ބަދަލުގައި އެކި ސަރަހައްދުތަކުގައި އޮންނަނީ ހަތިޔާރުއެޅި މިލީޝިޔާތަކުގެ ކޮންޓްރޯލެވެ. ލީބިޔާގެ އިސްލާމީ ދަންނަބޭކަލުން ވަނީ ބަރަކާތްތެރި ރަމަޟާން މަހުގައި ތަޅާނުފޮޅައި ތިބުމަށް ލީބިޔާގެ ހަނގުރާމަވެރި ޖަމާއަތްތަކަށް ގޮވާލާފަ އެވެ. (އަލްޖަޒީރާ)