10 Jan 2011, 22:12
ޤާނޫނުއަސާސީ އާއި ޤާނޫންތަކާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖޭގެ އެކި ހިސާބުތަކުގައި ސިޓީ އުފެއްދުމަށް ފުރިހަމައަށް ތާއީދުކުރާ ކަމަށް ޤައުމީ ޕާޓީން ބުނެފި އެވެ.
ލޯކަލް ގަވަމަންޓް އޮތޯރިޓީން ޝަރުތުތައް ކަނޑައަޅާފައި ނުވާތީ އައްޑޫ ސިޓީ ކައުންސިލް ހެދުމުގެ ބާރު ރައީސުލް ޖުމްހޫރިއްޔާއަށް ލިބިގެން ނުވާ ކަމަށް ސިވިލް ކޯޓުން އިއްޔެ ހުކުމް ކުރުމާ ގުޅިގެން، އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި ގައުމީ ޕާޓީގެ ނައިބު ރައީސް އިމާދު ސޯލިހަށާއި ގައުމީ ޕާޓީއަށް ބެހޭ ގޮތުން ތަފާތު ވާހަކަތައް ފަތުރަމުންދާތީވެ، އެ ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ "ޤާނޫނުއަސާސީއާއި ޤާނޫނުގައިވާ ގޮތުގެ މަތިން، ސިޓީއެއްގެ ހަޤީޤީ މަންފާ ރައްޔިތުންނަށް ލިބިދެވޭނެގޮތަކަށް އައްޑު އަތޮޅުގައްޔާއި ރާއްޖޭގެ އެކިހިސާބުތަކުގައި ސިޓީ އުފެއްދުމަށް ޤައުމީ ޕާޓީން މީގެ ކުރިންވެސް އަދި މިހާރުވެސް ފުރިހަމައަށް ތާއީދުކުރާ." ކަމަށެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ ސިވިލް ކޯޓްގެ ހުކުމާ ގުޅިގެން ސަރުކާރުގެ އިސްވެރިންނާއި، އެމްޑީޕީގެ އެކްޓިވިސްޓުން މަގުމައްޗަށް ނުކުމެ ހިންގަމުންދާ ހަމަނުޖެހުންތައް ވަގުތުން ހުއްޓާލުމަށާއި ކޯޓުތަކުން އިއްވާ ހުކުމްތަކާމެދު ހިތްހަމަ ނުޖެހޭނަމަ، އެ ނިންމުން އިސްތިއުނާފުކުރުމުގެ ހައްގު ކޮންމެ ފަރާތަކަށްވެސް ލިބިގެންވާ ކަމަށެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައި ސިޓީ އުފައްދަން މިހާރު ބުނެފައިވާ ގޮތް ކަމުނުދާ ކަމުގައި ވާނަމަ، އެޤާނޫނަށް އިސްލާހު ހުށަހަޅުއްވައިގެން އެޤާނޫނަށް ބަދަލުގެނައުމުގެ ފުރުޞަތު އެބައޮތް ކަމަށް ސަރުކާރައް އެބައޮތް ކަމަށް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް ވެސް އަދި އެހެން ފަރާތަކަށްވެސް ކަނޑައެޅިގެން ޤާނޫނާއި ޚިލާފަށް އަމަލުކުރުމުގެ ފުރުޞަތު ދެވިގެން ނުވާނެ ކަމަށް ބުނެ، ނޫސްބަޔާނުގައި ބުނަނީ "ސިޓީ އުފެއްދުން ނިވާފަތްގަނޑަކަށް ހައްދަވައިގެން، ޤާނޫނީ ބެލެނިވެރިކަމުގެ ދަށުން ސިޓީތަކާއި ކައުންސިލްތައް އުފެއްދުމުގެ ބޭނުމަކީ، އިންތިޚާބު ކައިރިވުމުން ސިޓީތަކާ ކައުންސިލްތައް އުފައްދާ އިންތިޚާބު ނިމުމުން ސިޓީތަކާ ކައުންސިލްތައް އުވާލުންފަދަކަންކަމުން ރައްޔިތުން ރައްކާތެރި ކުރުން." ކަމަށެވެ.