މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، ނަތީޖާ ނެރުމަށް ކުޅުނު 15 މިނިޓްގެ ދެހާފުގެ ދެވަނަ ހާފުގައި އެވެ.

ވޯލްޑް ކަޕް ފަސް ފަހަރު ކާމިޔާކޮށް މުބާރާތުގެ އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި އޮތް ބްރެޒިލްގެ ފަސްގަނޑުގައި ޖަރުމަނު ހޯދި މި ކާމިޔާބާއެކު 1972، 1980 އަދި 1996 ވަނަ އަހަރުގެ ވޯލްޑް ކަޕްކާމިޔާބުކުރި އެ ޓީމު މިހާރު ވެގެން ގޮސްފައި މިވަނީ މުބާރާތުގައި ދެވަނައަށް އެންމެ ކާމިޔާބު ދެޓީމުގެ ތެރޭގައެވެ.

ރިއޯ ޑީ ޖެނެއިރޯގެ ތާރީހީ މަރަކާނާ ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ލަނޑު ޖަރުމަނުގެ ބެންޗުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ގޮޓްޒާ ކާމިޔާބުކުރީ މެޗުގެ 113 ވަނަ މިނިޓުގައެވެ. ޗެލްސީއަށް ކުޅޭ ޖަރުމަނު މިޑްފީލްޑަރު އަންދްރޭ ޝޫލާ އާޖެންޓީނާގެ ގޯލް އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ، ބަޔާން މިޔުނިކަށް ކުޅޭ މިޑްފީލްޑަރު އާޖެންޓީނާ ގޯލް ތެރެއަށް ފޮނުވާލީ ބޯޅަ މެއިން ކޮންޓްރޯލް ކޮށްލާފައި ވާތުފައިން ޖަހައި ކީޕަރު ސާޖިއޯ ރޮމޭރޯއަށް ބޯޅަ ދިފާއުކުރާނޭ ކުޑަވެސް ފުރުސަތެއް ނުދީއެވެ.

ޖަރުމަނުގެ މި ކާމިޔާބާއެކު ޔަކިމް ލޯގެ ޓީމު ވެގެން ގޮސްފައި މިވަނީ، ދެކުނު އެމެރިކާގެ ފަސްގަނޑުގައި ވޯލްޑް ކަޕް ތަށި އުފުލައިލި ޔޫރަޕްގެ ފުރަތަމަ ޓީމަށެވެ.

އާޖެންޓީނާގެ ކުރީގެ ތަރި ޑިއެގޯ މަރަޑޯނާގެ ކެޕްޓަން ކަމުގައި 1986 ވަނަ އަހަރު އެޓީމަށް ހޯދައިދިން ތައްޓަށް ފަހު ވޯލްޑް ކަޕްގައި ބީހިލަން ނުލިބިއޮތް އާޖެންޓީނާ ޓީމުން އެޓީމުގެ މިހާރުގެ ތަރި އަދި ދުނިޔޭގެ މޮޅު ކުޅުން ތެރިޔާގެ މަގާމު ހަތަރު ފަހަރު ހޯދާފައިވާ ލިއޮނަލް މެސީގެ ކެޕްޓަން ކަމުގައި ކުޅުނު މިރޭގެ މެޗުގައި ލަނޑު ޖަހާނޭ ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރު ވެފައެވެ.

މާރިއޯ ގޮޓްޒާ މިރޭ ކާމިޔާބު ކުރި ލަނޑަކީ މިފަހަރުގެ ވޯލްޑް ކަޕްގައި ފެނިގެން ދިޔަ 171 ވަނަ ލަނޑެވެ. މި ލަނޑަަކީ މިހާތަނަށް ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ފެނިގެން ދިޔަ ފްރާންސް 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ފެނިގެން ދިޔަ އަދަދާ ލަނޑުގެ އަދަދު ހަމަހަމަވި ލަނޑެވެ. މިއީ 32 ޓީމު ބައިވެރިކޮށްގެން 64 މެޗު ކުޅޭ ގޮތަށް ހަމަޖެހުނު ފަހުން 171 ލަނޑު ކާމިޔާބު ކުރެވުނު ދެ ވަނަ ވޯލްޑް ކަޕް ކަމަށް ވާއިރު އެއީ މެޗަކަށް އެވްރެޖްކޮށް 2.67 ލަނޑެވެ. ދެން އެންމެ ގިނަ ލަނޑު ފެނިގެން ދިޔައީ ސައުތު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައެވެ. އެއީ 145 ލަނޑެވެ.

މިރޭގެ މެޗު ބައްލަވައިލެއްވުމަށް މަރަކާނާގެ ވީއައިޕީ ސެކްޝަންގައި ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް ވަޑައިގެން އިންނެވި އިރު، މެޗު ނިމުމުން ރަޝިއާގެ ބޮޑުވަޒީރު ވުލަޑްމިއާ ޕޫޓިން ވަނީ، އެކަމަނާއަށް މަރުހަބާ ވިދާޅުވެ ސަލާމް ކުރައްވައިފައެވެ.

ފައިނަލް މެޗަށް ފަހު މުބާރާތުގެ ވަނަވަނައަށް އިނާމް ހަވާލުކޮށްދެއްވީ، ފީފާގެ އިސް ވެރިންނާއި ބްރެޒިލްގެ އިސްވެރިންނެވެ.

ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިއަށް ދޭ އެޑިޑާސް ގޯލްޑަން ބޯލް އެވޯޑް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއަށް ލިބުނު އިރު މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކަށް ދޭ އެޑިޑާސް ގޯލްޑަން ގްލަވް އެވޯޑް ލިބުނީ ޖަރުމަނުގެ ގޯލް ކީޕަރު މެނުއަލް ނޯޔާއަށެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ދޭ އެޑިޑާސް ގޯލްޑަން ބޫޓް އެވޯޑް ކޮލަމްބިއާގެ ޖޭމްސް ރޮޑްރިގޭޒަށް ލިބިގެން ދިޔައިރު، މުބާރާތުގެ އެންމެ ޒުވާން ކުޅުންތެރިޔާއަށް ދޭ ހަޔުންޑާއީ ޔަންގް ޕްލެއާ އެވޯޑް ލިބުނީ ފްރާންސްގެ ޕޯލް ޕޮގްބާއަށެވެ.

ފީފާ ވޯލްޑް ކަޕް ބްރެޒިލް 2014ގެ ޗެމްޕިއަންކަން ޖަރުމަނު، ރަނަރަޕް އާޖެންޓީނާ އަދި ތިން ވަނަ ޓީމަކަށް ނެދަލެންޑް ހޮވިގެން ގޮސްފައިވާއިރު މުބާރާތުގެ ފެއަޕްލޭ ޓީމަކަށް ހޮވުނީ، ކޮލަމްބިޔާއެވެ.