14 Jul 2014, 00:14
ބުރުޒު މަގުގައި ހުންނަ ޔުނައިޓެޑް ނޭޝަން (ޔޫއެން) ބިލްޑިން ކުރިމަތީގައި ޒުވާނުންގެ ބަޔަކު އެއްވެ މިރޭ އިޒުރޭލާއި އެމެރިކާގެ ދިދަ އަންދާލައި އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް ނުރުހުން ފާޅުކޮށްފި އެވެ.
މިރޭ 10:00 ހާއިރު ކުރިއަށްދިޔަ އެ އިހުތިޖާޖުގައި އެއްވެސް ތަނަކަށް ނުވަތަ މީހެއްގެ މުދަލަކަށް ގެއްލުމެއް ދީފައެއް ނުވެއެވެ.
އެ ސަރަހައްދުގައި އެވަގުތު ހުރި މީހަކު ސަން އަށް މައުލޫމާތު ދެމުން ބުނީ ޒުވާނުންގެ ބަޔަކު ސައިކަލްތަކުގައި އެތަނަށް ގޮސް އިޒުރޭލާއި އެމެރިކާގެ ދިދަތައް ޔޫއެން ބިލްޑިންގުގެ ގޭޓް ކުރިމައްޗަށް ވާގޮތަށް އަތުރާލައި ޕެޓްރޯލު އަޅައިގެން ރޯކޮށްލާފައިވާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ސަރަހައްދަށް ފުލުހުން ދިޔަ އިރު އަލިފާން ރޯކޮށްލުމުގައި ބައިވެރިވި މީހުން އެ ސަރަހައްދުން ގޮސްފައިވާ ކަމަށެވެ.
"ފުލުހުން އެތަނަށް ދިޔައިރު އެ އަމަލު ހިންގި މީހުން އެތަނުގައި ނެތް. އަދި ރޯކޮށްލި ބައެއް ދިދަތައް އެއްކޮށް ނާނދާ،" އޮފިޝަލް ވިދާޅުވިއެވެ.
ޔޫއެން ބިލްޑިންއަކީ މީގެ ކުރީގައި އދ އާއި ރާއްޖެއާ ބެހޭ މަސައްކަތްތައް ކުރި މައި އިމާރާތެވެ. ނަމަވެސް އެ އިމާރާތް މަރާމާތު ކުރުމަށް މިހާރު އެތަނުގެ މުއްޒަފުން ވަނީ ސަރުކާރުގެ އެކިއެކި އޮފީސްތަކަށް ބަދަލުކޮށްފަ އެވެ.
ފަލަސްތީނުގައި ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް ނުރުހުން ފާޅުކޮށް ދިވެހި ޒުވާނުންތަކެއް ނުކުމެ އިޒްރޭލާއި އެމެރިކާގެ ދިދަތަކެއް ރޯކޮށްލާފައި ވާއިރު ފަލަސްތީނުގެ ޣައްޒާގައި މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ރަހުމުކުޑަ ލާއިންސާނީ ޖަރީމާތައް ކުރިޔަށްދާތާ މިއީ ހަވަނަ ދުވަހެވެ.
އެ ހަމަލާ ތަކުގައި މިހާތަނަށް 160 ވުރެ ގިނަ މުސްލިމުން ވަނީ މަރާލާފަ އެވެ. އަދި އިސްރާއީލް ސިފައިންގެ އިތުރު ޔުނިޓެއް މިއަދު ހެނދުނު ސަރަހައްދީ ރޮނގުގެ ކައިރީގައިވާ ޣައްޒާގެ ދަނޑަކަށް އަރާފައިވާ އިރު ކަނޑުމަގުން ޣައްޒާއަށް އަރަން އުޅުނު އިސްރާއީލުގެ އަސްކަރީ އުޅަނދެއް ރޯވެވަނީ އަޑިއަށް ގޮސްފަ އެވެ.