Last Updated: 1 decade 1 year ago
Last Updated:
1 decade 1 year ago
ޖަރުމަނު 1-0 އާޖެންޓީނާ
03:04
ފީފާ ފެއާޕްލޭ އެވޯޑް ކޮލަމްބިޔާއަށް.
03:03
މުބާރާތުގެ އެންމެ ޒުވާން ކުޅުންތެރިޔާއަށް ދޭ ހަޔުންޑާއީ ޔަންގް ޕްލެއާ އެވޯޑް ފްރާންސްގެ ޕޯލް ޕޮގްބާއަށް.
03:01
މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ދޭ އެޑިޑާސް ގޯލްޑަން ބޫޓް އެވޯޑް ކޮލަމްބިއާގެ ޖޭމްސް ރޮޑްރިގޭޒް.
02:58
ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިއަށް ދޭ އެޑިޑާސް ގޯލްޑަން ބޯލް އެވޯޑް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ.
02:57
މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކަށް ދޭ އެޑިޑާސް ގޯލްޑަން ގްލަވް އެވޯޑް ޖަރުމަނުގެ ގޯލް ކީޕަރު މެނުއަލް ނޯޔާ.
02:38
މި ނަތީޖާއާ އެކު ޖަރުމަނު ވެގެން ގޮސްފައި ވަނީ، ދެކުނު އެމެރިކާ ބައްރުގައި ވޯލްޑް ކަޕް ތަށި އުފުލައިލި ފުރަތަމަ ޔޫރަޕް ޓީމަށް.
02:36
މެޗު ނިމިއްޖެ. ނަތީޖާއަކީ ޖަރުމަނު 1-0 އާޖެންޓީނާ.
02:36
ވޯލްޑް ކަޕް ޗެމްޕިއަންކަން ޖަރުމަނު ހޯދައިފި.
02:33
މެޗުގެ އެންމެ ފަހު ވަގުތުކޮޅުގެ ކުޅުން ކުރިއަށް ދަނީ.
02:32
ޖަރުމަނު ޓީމުން ބަދަލެއް. މެސުޓް އޮޒިލްގެ ބަދަލުގައި ކުޅެން އެރުވީ، މަޓެސޭކާ.
02:25
އާޖެންޓީނާ ޕެނަލްޓީ އޭރިޔާ ތެރެއިން މެއިން ބޯޅަ ކޮންޓްރޯލް ކޮށްލާފައި ވަރަށް ރީއްޗަށް ގޯލްތެރެއަށް ބޯޅަ ފޮނުވާލާއިގެން ޖަރުމަނުގެ ލަނޑު ކާމިޔާބުކޮށްދިނީ މާރިއޯ ގޮޓްޒާ.
02:24
ޖަރުމަނު ލަނޑު ޖަހައިފި.
02:17
މި 15 މިނިޓް ތެރޭގައި ނަތީޖާ ނުނެރެވިއްޖެ ނަމަ ޖެހޭނީ ޕެނަލްޓީ ޖަހަން.
02:17
އިތުރު ވަގުތުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.
02:14
އިތުރު ވަގުތުގެ ފުރަތަމަ 15 މިނިޓްގެ ކުޅުން ނިމިއްޖެ. ޖަރުމަނު 0-0 އާޖެންޓީނާ.
02:05
ޕަލާޝިއޯއަށް ލަނޑެއް ޖަހަން ރަނުގެ ފުރުސަތެއް. ޖަރުމަނު ޕެނަލްޓީ އޭރިޔާ ތެރެއިން އޭނާ ފޮނުވާލި ބޯޅަ ގޯލް ކީޕަރު ނޮޔާގެ ބޯމަތިން ގޮސް ގޯލަށް އަމާޒު ނުވެ ބޭރަށް.
01:59
ޖަރުމަނުން ނުރައްކާތެރި ހަމަލާއެއް. އާޖެންޓީނާ ޕެނަލްޓީ އޭރިޔާ ތެރެއިން ޖަރުމަނުގެ ޝޫލާ ފޮނުވާލި ބޯޅަ ކީޕަރު ރޮމޭރޯ ދިފާޢުކުރީ.
01:58
އިތުރު ވަގުތުގެ ފުރަތަމަ 15 މިނިޓްގެ ކުޅުން ފަށައިފި.
01:54
މިއީ ވޯލްޑް ކަޕް ފައިނަލްގައި މިގޮތަށް އިތުރު ވަގުތު ޖެހިޖެހިގެން ކުޅެން ޖެހޭ ތިންވަނަ ފަހަރު.
01:52
މެޗުގެ 90 މިނިޓްގެ ކުޅުން ހަމަވެ އިތުރުވަގުތުގެ 3 މިނިޓް ކުޅުން ވެސް ނިމިއްޖެ. ދެން ނަތީޖާ ނެރޭނީ، 15 މިނިޓްގެ އިތުރު ދެ ހާފު ކުޅެގެން. އެގޮތުން ވެސް ނަތީޖާ ނުނެރެވިއްޖެ ނަމަ ޖެހޭނީ ޕެނަލްޓި ޖަހަން.
01:50
މާރިއޯ ގޮޓްޒާ ފޮނުވާލި ބާރު ހަމަލާ އާޖެންޓީނާ ކީޕަރު ރޮމޭރޯ ދިފާއުކުރީ.
01:49
ފަހުހާފުގެ ގެއްލުނު ވަގުތުގެ ކުޅުން 3 މިނިޓް ކުރިއަށް ދަނީ.
01:47
ވޯލްޑް ކަޕްގައި 15 ލަނޑު ޖަހައިގެން ބްރެޒިލްގެ ރޮނާލްޑޯ ހަދާފައިވާ ރެކޯޑް، ޖަރުމަނުގެ ކްލޯސާ މި މުބާރާތުގައި މުގުރައިލީ ޖުމުލަ 16 ލަނޑު ހަމަކޮށްގެން. އަދި މި ރޭގެ ބަދަލާއެކު ކްލޯސާއަށް ވެސް އެ ނަތީޖާ ފުޅާކުރަން ދެން އިތުރު ފުރުސަތެއް ނުލިބޭނެ.
01:46
ޖަރުމަނު ޓީމުން ބަދަލެއް. ވޯލްޑް ކަޕްގެ އެންމެ ގިނަ ލަނޑު ޖެހި މިރްސްލަވް ކްލޯސާގެ ބަދަލުގައި މާރިއޯ ގޮޓްޒާ.
01:44
އާޖެންޓީނާ ޓީމުން ބަދަލެއް. އެންޒޯ ޕެރޭޒްގެ ބަދަލުގައި ފެނާންޑޯ ގާގޯ.
01:40
ލާމް އާޖެންޓީނާ ގޯލް ޕެނަލްޓީ އޭރިޔާ ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ކްރޫސް ފޮނުވާލި ނަމަވެސް ގޯލަށް އަމާޒެއް ނުވި.
01:38
އާޖެންޓީނާ ޕެނަލްޓީ އޭރިޔާ ތެރެއިން ޖަރުމަނު ކުޅުންތެރިން ގޯލަށް ހަމަލާއެއް އުފައްދަން މަސައްކަތް ކުރީ. ތޯމަސް މުލާއަށް ލިބުނު ބޯޅަ ގޯލަށް ފޮނުވާލުމުގެ ކުރިން އާޖެންޓީނާގެ ޑިފެންސް ކުޅުންތެރިން ބޯޅަ ދިފާއުކުރީ.
01:36
ގޮންޒާލޯ ހިގައިންގެ ބަދަލުގައި ކުޅެން އެރުވީ، ޕެލާޝިއޯ.
01:35
އާޖެންޓީނާ ޓީމުން ބަދަލެއް ގެންނަން ތައްޔާރުވެއްޖެ.
01:33
ޖަރުމަނު ޕެނަލްޓީ އޭރިޔާ ބޭރުން މެސީ ފޮނުވާލި ބޯޅަ ގޯލަށް އަމާޒެއް ނުވި.
01:31
ފަހުހާފުގެ ކުޅުން ފެށުނު ފަހުންވެސް ގިނަ ވަގުތު ބޯޅަހިފިހައްޓައިގެން ކުޅެމުން ދަނީ، ޖަރުމަނު. ބޯލް ޕޮސެޝަން ޖަރުމަނު 63 ޕަސެންޓް އާޖެންޓީނާ 37 ޕަސެންޓް.
01:29
ޝޫލާ އާޖެންޓީނާ ޕެނަލްޓީ އޭރިޔާ ތެރެއިން ބޯޅަ ހޯދައިގެން ގޯލަށް ފޮނުވާލެވޭތޯ މަސައްކަތް ކުރީ. އެކަމަކު ގޯލް ކީޕަރު ރޮމޭރޯ އެ ބޯޅަ ހިފީ.
01:25
ޖަރުމަނު ހާފުގެ މެދެއްހާ ހިސާބުން އާޖެންޓީނާއަށް ލިބުނު ހިލޭޖެހުމެއް. މެސީ ފޮނުވާލި ބޯޅަ ޖަރުމަނު ކީޕަރު ނޯޔާ މަތަކުރީ.
01:24
ޝްވެއިންސްޓެއިގާއަށް ފައުލުކުރުމުން ސާޖިއޯ އަގުއެރޯއަށް ވެސް ރީނދޫ ކާޑެއް.
01:23
ކްލޯސާއަށް ކުރި ފައުލަކާ ގުޅިގެން އާޖެންޓީނާގެ ހާވިއާ މަޝަރާނޯއަށް ރީނދޫ ކާޑެއް.
01:20
އާޖެންޓީނާ ޕެނަލްޓީ އޭރިޔާ ތެރެއަށް ޝޫލާ ހުރަސްކޮށްލި ބޯޅަ ޖަހަން ޕެނަލްޓީ އޭރިޔާ ތެރެއަށް އެރި އޮޒިލްއަށް ބޯޅަ ފޮނުވާލެވޭ ގޮތެއް ނުވި. އޮޒިލްގެ ފައިގައި ބޯޅަ ޖެހިފައި ކީޕަރު އަތަށް.
01:18
އާޖެންޓީނާ ގޯލް ކުރިމައްޗަށް ޖަރުމަނު ކެޕްޓަން ފިލިޕް ލާމް ހުރަސްކޮށްލި ބޯޅަ ކްލޯސާ ބޮލުން ޖަހައި ގޯލަށް ފޮނުވާލި ނަމަވެސް ކީޕަރު ސަޖިއޯ ރެޮމޭރޯ އެބޯޅަ މަތަކުރީ.
01:15
ހިގައިން ޖަރުމަނު ޕެނަލްޓީ އޭރިޔާ ތެރެއިން ބޯޅަ ހޯދާން މަސައްކަތް ކުރަނިކޮށް ޖަރުމަނު ކީޕަރު ނޮޔާ ބޯޅަ އަތުން ޖަހައި ފޮނުވާލަން އެރި ވަގުތު ހިގައިންގެ ގައިގައި ޖެހި އޭނާއަށް އަނިޔާ ވެއްޖެ. އާޖެންޓީނާ ކުޅުންތެރިން ޕެނަލްޓީއަކަށް އެޕީލް ކުރި ނަމަވެސް ރެފްރީ ދެއްކީ ޕެނަލްޓީއެއް ނޫންކަމަށް.
01:13
އާޖެންޓީނާ ޕެނަލްޓީ އޭރިޔާތެރެއިން ޝޫލާ ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ އާޖެންޓީނާ ޑިފެންޑަރު ގަރާއީ ދިފާއުކުރީ.
01:06
ޖަރުމަނު ޕެނަލްޓީ އޭރިޔާ ތެރެއިން މެސީ ފޮނުވާލި ނުރައްކާއްކާތެރި ހަމަލާ ގޯލަށް އަމާޒެއް ނުވި.
01:05
އާޖެންޓީނާއިން ހަމަލާއެއް. އެކަމަކު ޖަރުމަނު ޕެނަލްޓީ އޭރިޔާތެރެއިން ހިގައިން ގޯލް ކުރިމައްޗަށް ބޯޅަ ހުރަސްކޮށްލި އިރު ހުރީ އޮފްސައިޑްގައި.
01:04
ދެވަނަ ހާފުގެ ކުޅުން ފަށައިފި.
01:03
އާޖެންޓީނާއިން ދެވަނަ ހާފު މި ފަށަނީ ބަދަލަކާއެކު. ލަވޭޒީގެ ބަދަލުގައި ކުޅެން އެރުވީ ސާޖިއޯ އަގުއެރޯ.
01:03
ފައިނަލް މެޗުގެ ދެވަނަ ހާފު ފެށުމަށް ޖަރުމަނު އަދި އާޖެންޓީނާ ކުޅުންތެރިން ދަނޑަށް ނުކުމެއްޖެ.
01:00
ބްރެޒިލްގައި ވޯލްޑް ކަޕާ ދެކޮޅަށް ބާއްވާ މުޒާހަރާތައް މިއަދުވެސް ވަނީ، ކުރިއަށް ގެންގޮސްފައި. އެގޮތުން މުބާރާތުގެ ފައިނަލް މެޗު ކުޅޭ ރިއޯގެ މަރަކާނާ ސްޓޭޑިއަމްގެ ބޭރުގައި ޕޯސްޓަރުތަކާ ބެނާތައް ހިފައިގެން ގިނަ އަދަދެއްގެ ބަޔަކު ވަނީ، އެގައުމުގެ ސަރުކާރުން ފުޓްބޯޯޅައަށް ބޮޑެތި ހަރަދުތައް ކުރުމުގެ ބަދަލުގައި ގައުމުގެ ރައްޔިތުންގެ ތައުލީމާއި، ސިއްހަތާއި ގެދޮރު ހިޔާވަހިކަން ރަނގަޅު ކޮށްދިނުމަށް ގޮވާލައި އަޑު އުފުލާފައި.
00:48
ފުރަތަމަ ހާފުގެ ކުޅުން ނިމިއްޖެ.
00:46
ޓޯނީ ކުރޫސް ނަގައިދިން ކޯނަރު، ހޮވަޑޭސް ބޮލުން ޖަހައި ފޮނުވާލި ބޯޅަ އާޖެންޓީނާ ގޯލްގެ އަރިމަތީ ދަނޑީގައި ޖެހިފައި ނުކުތް ބޯޅަ ކީޕަރު ރޮމޭރޯ މަތަކުރީ. އޭރު މުލާ ހުރީ އޮފްސައިޑްގައި.
00:45
ޖަރުމަނަށް ކޯނަރެއް.
00:45
މެޗުގެ ފުރަތަމަ 45 މިނިޓްގެ ކުޅުން ނިމި ގެއްލުނު ވަގުތުގެ 2 މިނިޓް ކުރިއަށް ދަނީ.
00:43
މެސުޓް އޯޒިލަށް އާޖެންޓީނާ ގޯލަށް ނުރައްކާކޮށްލަން ރަނގަޅު ފުރުސަތެއް. ޕެނަލްޓީ އޭރިޔާގެ ބޭރު ރޮނގުމަތިން އޮޒިލް ފޮނުވާލި ބޯޅަ އެހާބާރަށް ފޮނުވާލެވޭ ގޮތެއްނުވި. ކީޕަރު ރޮމޭރޯ އެ ބޯޅަ މަތަކުރީ.
00:39
ޖަރުމަނުގެ ޑިފެންޑަރުން ކައިރިން ކަޓުވާލާފައި މެސީ ބޯޅަ ހިފައިގެން އެޓީމުގެ ޕެނަލްޓީ އޭރިޔާތެރެއަށް ވަދެ ފޮނުވާލި ބޯޅަ ގޯލް ރޮނގުކައިރިން ދިފާއުކުރީ ބޯޓެން.
00:36
ކައުންޓާ އެޓޭކްގައި ޖަރުމަނު ކުޅުންތެރިން ނުރައްކާތެރި ހަމަލާއެއް. އޮޒިލް ޝޫލާއަށް ފޮނުވާލި ބޯޅަ ޝޫލާ ގޯލަށް ފޮނުވާލި ނަމަވެސް ކީޕަރު ރޮމެރޯ ދިފާއުކުރީ.
00:36
މެސީ ނަގައިދިން ކޯނަރު ކީޕަރު ނޮއާ މަތަކުރީ.
00:35
މެސީ ބޯޅަ ހިފައިގެން ޖަރުމަނު ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ ގޯލަށް ފޮނުވާލި ބޯޅަ ކުޅުންތެރިއެއްގެ ގައިގަ ޖެހިފައި ކޯނަރަކަށް ބޭރު.
00:33
އަނެއްކާ ވެސް ޖަރުމަނުކު ކުޅުންތެރިއަކަށް ރީނދޫ ކާޑެއް. ޒަބަލޭޓާއަށް ފައުލުކުރުމާ ގުޅިގެން ރީނދޫ ކާޑެއް ދެއްކީ، ހޮވަޑޭސްއަށް.
00:31
ޖަރުމަނު ޓީމުން ބަދަލެއް. ކްރޭމާގެ ބަދަލުގައި އަންދްރޭ ޝޫލާ.
00:30
އޮފްސައިޑު ލަނޑެއް. މެސީ ވަރަށް ރީތިކޮށް ޖަރުމަނު ޕެނަލްޓީ އޭރިޔާތެރެއަށް ހުރަސްކޮށްލި ބޯޅަ ހިގައިން ގޯލް ތެރެއަށް ފޮނުވާލީ ވެސް އެހާ ރީތިކޮށް. އެކަމަކު އޭރު އެސިސްޓެންޓް ރެފްރީ ހުރީ އޮފްސައިޑް ދައްކާފައި.
00:29
އާޖެންޓީނާ ލަނޑު ޖަހައިފި.
00:28
މެޗުގެ ފުރަތަމަ ރީނދޫ ކާޑު. ޖަރުމަނުގެ ޝްވެއިންސްޓެއިގާއަށް.
00:28
ޖަރުމަނުގެ ހަމަލާއެއް. އާޖެންޓީނާ ޕެނަލްޓީ އޭރިޔާ ތެރެއިން މުލާއަށް ލިބުނު ބޯޅަ އޭނާ ފޮނުވާލިއިރު ހުރީ އޮފްސައިޑްގައި.
00:27
މިރޭ ފައިނަލް މެޗު ފެށުމުގެ ކުރިން ވަނީ، މުބާރާތް ނިންމުމުގެ ރަސްމިއްޔާތާ ގުޅޭ ކުލަގަދަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައި.
00:22
އާޖެންޓީނާ އެންމެ ފަހުން ވެސް ވޯލްޑް ކަަޕްގެ ތަށި އުފުލައިލީ ޖަރުމަނާ ދެކޮޅަށް ކުޅެ. މެކްސިކޯގައި 1986 ވަނަ އޮތް ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި އެފަހަރު އާޖެންޓީނާ އުފުލައިލީ ހުޅަނގު ޖަރުމަނު 3-2 ލަނޑުން ބަލިކުރުމަށް ފަހު.
00:21
ބޯލް ޕޮސެޝަން، ޖަރުމަނު 58 ޕަސެންޓް، އާޖެންޓީނާ 42 ޕަސެންޓް.
00:19
ހިގައިން އެކަނި ބޯޅަ ހިފައިގެން ޖަރުމަނު ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ގޯލަށް އަމާޒެއް ނުވި.
00:17
ޖަރުމަނުގެ ކްރޭމާއަށް އަނިޔާވުމުން ފަރުވާ ދިނުމަށް ފަހު ކުޅުން ކުރިއަށް ދަނީ.
00:14
އާޖެންޓީނާ ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ބާރު ހިލޭ ޖެހުން އާޖެންޓީނާ ކުޅުންތެރިން ދިފާއުކުރީ.
00:14
ޖަރުމަނަށް ހިލޭ ޖެހުމެއް.
00:13
އާޖެންޓީނާ ޕެނަލްޓީ އޭރިޔާ ތެރެއަށް ޓޯނީ ކްރޫސް ފޮނުވާލި ބޯޅަ ބޮލުން ޖަހަން އެރި ކްލޯސާއަށް ބޯޅަ ލައްވައެއް ނުލި.
00:08
ލިއޮނަލް މެސީ ވަރަށް ރީތިކޮށް ބޯޅަ ހޯދައިގެން ޖަރުމަނު ޑިފެންޑަރު ބީޓުކޮށް އެޓީމުގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ ގޯލް ކުރިމައްޗަށް ބޯޅަ ހުރަސްކޮށްލި ނަމަވެސް އާޖެންޓީނާ ކުޅުންތެރިއަކަށް ލިބުމުގެ ކުރިން ޖަރުމަނު ކުޅުންތެރިން ބޯޅަ ދިފާއުކުރީ.
00:05
ޖަރުމަނު ކުޅުންތެރިން ބޯޅަ ހިފައިގެން އާޖެންޓީނާ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަތް ނަމަވެސް ހަމާލާއެއް އުފެއްދުމުގެ ކުރިން ގޯލް ކީޕަރު ރޮމޭރޯ ބޯޅަ ހިފައިފި.
00:04
ހިގައިން ޖަރުމަނުގެ ގޯލް އޭރިޔާތެރެއަށް ހުރަސްކޮށްލި ބޯޅަ ކުޅުންތެރިއަކަށް ނުލިބި ބޭރަށް.
00:00
މެޗު ފަށައިފި.
23:58
މީގެ ކުރިން މި ދެޓީމު 20 ފަހަރު ބައްދަލުކޮށްފައި ވާއިރު، އާޖެންޓީނާ ވަނީ، 9 ފަހަރު މޮޅުވެފައި. ޖަރުމަނަށް މޮޅުވެވިފައި ވަނީ، 6 ފަހަރު. އަނެއް 5 ފަހަރު މެޗު އެއްވަރު ވެފައި ވަނީ.
23:57
ދެ ޓީމުގެ ކުޅުންތެރިން ސަލާމް ކުރަނީ.
23:56
މިހާރު އާޖެންޓީނާގެ ގައުމީ ސަލާމް.
23:55
ޖަރުމަނުގެ ގައުމީ ސަލާމް.
23:55
ދެޓީމު ދަނޑަށް ނުކުމެއްޖެ.