ފުލުހުންގެ ވަޒީފާގައި ހުރި އަންހެނަކު ނަހަލާލަށް ވިހެއި މައްސަލައެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ޑައިރެކްޓްރޭޓުން ތަހުގީގު ކުރަން ފަށައިފި އެވެ.

ސަންއަށް އެނގިފައިވާ ގޮތުގައި ޓްރެފިކް ޕޮލިހުގައި މަސައްކަތް ކުރާ ފުލުހަކު މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ވަނީ ކައިވެނިން ބޭރުން ފިރިހެން ކުއްޖަކު ވިހާފަ އެވެ. އޭނާ އެ ކުއްޖާ ވިހެއީ ޑިއުޓީއަށް ނުކުމެ ހުއްޓައި ބަނޑުގައި ރިއްސާތީ، އެމެޖެންސީގައި އައިޖީއެމްއެޗަށް ގޮއްސަ އެވެ.

އޭނާ ބަނޑުގައި ރިއްސަން ފެށީ އޭނާގެ އުފަން ދުވަސް ޓްރެފިކް ޕޮލިހުގައި ފާހަގަ ކުރަމުން ދަނިކޮށެވެ. އޭނާއަށް އެ ފިރިހެން ކުއްޖާ ލިބުނީ ވެސް އެ އަންހެން މީހާގެ އުފަން ދުވަހު އެވެ.

ފުލުހުންގެ މީޑިއާއިން ބުނީ ފުލުހަކު ނަހަލާލަށް ވިހެ މައްސަލަ ބަލަމުންދާ ކަމަށާއި އޭނާއާމެދު އަޅާނެ ފިޔަވަޅު ނިންމާނީ ޕްރޮފެޝަނަލް ސްޓޭންޑާޑް ޑައިރެކްޓްރޭޓުގެ ތަހުގީގު ނިމުމުން ކަމަށެވެ.

"ތަހުގީގު ކުރުމަށްފަހު ނޫންތޯ އިނގޭނީ އަޅާނެ ފިޔަވަޅެއް ވެސް. އަދި އޭނާ ވަޒީފާއިން ވަކިކުރިކަން ވެސް ނުވަތަ ނޫން ކަން ވެސް ހާމަމަ ކުރެވެން ނެތް. ތަހުގީގަށްފަހު ވަކި އެއްޗެއް މީޑިއާއަށް ހާމަ ކުރާނަން،" ފުލުހުންގެ މީޑިއާއިން ވާހަކަދެއްކި އޮފިޝަލަކު ވިދާޅުވި އެވެ.

ނަހަލާލަށް ވިހެއި ފުލުހަކީ އެންމެ ފަހުން ފުލުހުންގެ ވަޒީފާއަށް ނެގި މީހުންގެ ތެރޭގައި ހިމެނޭ އަންހެނެކެވެ. އޭނާ ވަނީ ދ. ވާނީގައި ފުލުހުންގެ ތަމްރީން ވެސް ފުރިހަމަކޮށްފަ އެވެ.