13 Jul 2014, 21:40
ށ. ފޭދޫގައި މީހަކާ ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 19 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ ހައްޔަރުކޮށްފައި ވަނީ މިމަހު 11 ވަނަ ދުވަހުގެރޭ 11:50 ހާއިރު ފޭދޫ ގެއެއްގެ ކޮޓަރިއަށް ވަދެ ތަޅުލައިގެން ފިލައި އޮއްވައި ކަމަށެވެ. އަދި އެވަގުތު އެ ކޮޓަރީގެ ފާހާނާގައި މީހަކު ހުރިކަމަށް ފުލުހުން ބުންޏެވެ.
އޭނާ އަކީ އެގޭގައި މަސައްކަތްކުރަން ގެނެސްފައި ހުންނަ މީހެއް ކަމަށާއި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އިރު ބޭރުފުށުން އަނިޔާ ލިބިފައި ހުރިކަމަށް ފުލުހުން ބުންޏެވެ.
އެމީހާގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހައިދީފައި ވާއިރު ފުނަދޫ ޕޮލިސް ސްޓޭޝަނުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.