13 Jul 2014, 20:49
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާ ދެކޮޅަށް މީޑިއާ ނެޓު ޕްރައިވެޓް ލިމިޓެޑުން ދައުވާ ކުރި މައްސަލައިގައި އެ ކޮމިޝަންގެ ގާނޫނީ ވަކީލު މައްސަލަ ދިފާއުކުރުމަށް މަސައްކަތް ކުރައްވާފައި ނުވާ ކަމަށް ބްރޯޑުކާސްޓް ލޮބީ ގްރޫޕުން ބުނެފި އެވެ.
އެ ގްރޫޕުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ބްރޯޑުކާސްޓިން ކޮމިޝަންގެ ގާނޫނީ ވަކީލު މައްސަލަ ދިފާއުކުރުމުގެ ބަދަލުގައި އެ މައްސަލައަކީ ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށާއި އަދި އިޖުރާއަތުތައް ވެސް ފުރިހަމަކޮށްފައި ނުވާ މައްސަލައެއް ކަމަށް ޝަރީއަތުގައި ބުނުމުން މައްސަލައިގެ އަސްލު އޮޅިގެންގޮސްފައިވާ ކަމަށެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ މީޑިއާ ނެޓުން ވޯލްޑްކަޕް ދެއްކުން ހުއްޓުވުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ތަކުރާރުކޮށް އަމުރު ނެރުނީ މި ސަރަހައްދަށް ވޯލްޑުކަޕްގެ ރައިޓްސް ނަގާފައިވާ ކުންފުނީގެ ފަރާތުން މައުލޫމާތު ހޯދުމަށް ފަހު ކަމަށެވެ. އަދި މީޑިއާ ނެޓުން ބްރޯޑްކާސްޓިން ކޮމިޝަނަށް ވަރަށް ބޮޑަށް އޮޅުވާލާފައިވާ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނި ނަމަވެސް ޝަރީއަތުގައި އެކަން ސާބިތުކުރުމަށް އެ ކޮމިޝަނުން މަސައްކަތް ކޮށްފައިނުވާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ފީފާގެ ގަވާއިދު ބުނާ ގޮތުން ވޯލްޑްކަޕް ރައިޓްސް ލިބިފައިވާ ފަރާތަކުން ބްރޯޑްކާސްޓް ކުރާ ވޯލްޑްކަޕްގެ ސިގްނަލެއް، އެހެން ފަރާތަކަށް ލިބުނު ނަމަވެސް، އެފަރާތަކުން އަލުން އެ ސިގްނަލް ބްރޯޑްކާސްޓު ކުރަން ވާނީ ފީފާ އިން ކަނޑައަޅާފައިވާ ހަމަތަކާ އެއްގޮތަށް ފީފާގެ ހުއްދަ ހޯދައިގެން ކަމަށެވެ. ނަމަވެސް މީޑިއާ ނެޓުން ފީފާގެ ގަވާއިދުތަކާ އެއްގޮތަށް އެ ހުއްދަ ހޯދާފައި ނުވާކަން އެ ކުންފުނީގެ ވެރިންގެ ބަހުން ސާބިތުވާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.